ދުނިޔެ

މުކޭޝް އަމްބާނީގެ ހަގު ދަރިފުޅަށް ދުބާއީގެ ޕާމް ޖުމައިރާއިން 80 މިލިޔަން ޑޮލަރުގެ ގެއެއް!

އިންޑިޔާގެ ދެވަނައަށް އެންމެ ބޮޑު މަހުޖަނުކަމަށްވާ މުކޭޝް އަމްބާނީ، އޭނާގެ އެންމެ ހަގު ދަރިފުޅު އާނަންތަށް ދުބާއީގެ ޕާމް ޖުމައިރާއިން 80 މިލިޔަން ޑޮލަރަށް ގެއެއް ގަނެދީފިއެވެ.

ޕާމް ޖުމައިރާއަކީ ކަދުރު ރުކެއްގެ ސިފަޔަށް ދުބާއީގެ އައްސޭރިން އަލަށް ހިއްކާފައިވާ ރަށެކެވެ. އަމްބާނީގެ ދަރިފުޅަށް ގަނެދިން ގޭގައި ދިހަ ކޮޓަރިޔާއި ޕްރައިވެޓް ސްޕާޔަކާއި އިންޑޯރ ޕޫލަކާއި އައުޓްޑޯރ ޕޫލެއްވެސް ހިމެނެއެވެ.

ޕާމް ޖުމައިރާއަކީ ދުނިޔޭގެ މުއްސަނދީންނަށް ބިން ވިއްކުމަށްޓަކައި ތަރައްގީކޮށްފައިވާ ރަށެކެވެ. މިތަނުން ގެދޮރު ގަންނަ ބިދޭސީންނަށް އެމިރޭޓްސްއަށް އެތެރެވުމުގައި ވިސާގެ ލުއިފަސޭހަތައް ދިނުމާއި އަދިވެސް އިތުރު އެތައް ކަމެއް ހިމެނެއެވެ. އިންޑިޔާގެ ފިލްމީ ތަރި ޝާހުރުކް ޚާނާއި އިންގްލެންޑުގެ ކުރީގެ ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމަކީވެސް ޕާމް ޖުމައިރާއިން ގެދޮރު ގަނެފައިވާ މީހުންނެވެ.

އުމުރުން 65 އަހަރުވީ މުކޭޝް އަމްބާނީއަކީ ދުނިޔޭގެ އެގާރަ ވަނަޔަށް އެންމެ މުއްސަނދި މީހާއެވެ. އޭނާގެ މިލްކިއްޔާތުގެ އަގަކީ ގާތްގަޑަކަށް 94 ބިލިޔަން ޑޮލަރެވެ. އާނަންތަކީ މުކޭޝް އަމްބާނީގެ ތިން ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއެވެ. މި ތިން ކުދިންގެވެސް މަންމަޔަކީ ނީޓާ އަމްބާނީއެވެ.