ނޫސްވެރިޔާ އަހުމަދު ރިލްވާން އާއި ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި މިދިޔަ ޖޫން މަހުގެ ތެރޭގައި ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ ކޮށްފައިވާ އަހުމަދު މުއާޒް (ގަޓު މުއާ) އާއި އިސްމާއިލް އަބްދުއްރަހީމް (އިސޫ) އަދި އަހުމަދު އިސްމާއިލް (އަހަނދު)ގެ ޝަރީއަތުގެ އަޑުއެހުންތައް ސިއްރުކޮށްދޭން ދައުލަތުން އެދިއްޖެއެވެ.
އިސޫގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ދެ ދައުވާއެވެ. އެ ދައުވާތައް އޭނާގެ މައްޗަށް ކޮށްފައިވަނީ ރިލްވާން ރަހީނުކޮށް މަރާލުމަށްޓަކައި 2014 ވަނަ އަހަރުގެ ތެރޭގައި އިސޫ، ރިލްވާނަށް ފާރަލައި، އޭނާ ރަހީނުކޮށް، މަރާލުމުގައި އެހީތެރިވެދީފައިވާތީއެވެ. އަދި ޔާމީން ރަޝީދުގެ ޔާމީންގެ ބްލޮގާއި ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގައި އިސްލާމްދީނަށް ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓުކުރަމުން ގެންދާ ކަމަށް ބުނެ، 2017 ވަނަ އަހަރުގެ ތެރޭގައި ޔާމީން ރަޝީދަށް ފާރަލައި، މަރާލުމަށް އެހީތެރިވެދީފައިވާތީއެވެ.
އަހަނދުގެ މައްޗަށް ކޮށްފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ ދައުވާ ކޮށްފައިވަނީ ރިލްވާން މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައިވާތީ އާއި އޭނާއާއި އޭނާގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، ރިލްވާން ރަހީނުކޮށް މަރާލާފައިވާތީއެވެ.
ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ 23 އޭޕްރީލް 2017 ދުވަހުގެ ރޭ ޔާމީން ރަޝީދު މަރާލުމަށް މަގުފަހިކޮށްދިނުމަށްޓަކައި އޭނާއަށް ފާރަލުމުގެ ކަންކަން އިންތިޒާމުކޮށް، އެކަން ކުރުމަށް އެހީތެރިވެދީފައިވާތީއެވެ.
ގަޓު މުއާއަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ ރިލްވާން މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައިވާތީ އާއި އޭނާ އާއި އޭނާގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، 8 އޯގަސްޓް 2014 ދުވަހުގެ ދަންވަރު ރިލްވާން ރަހީނުކޮށް މަރާލާފައިވާތީއެވެ.
އެ ތިން މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. އެމީހުންގެ މައްޗަށް މިދިޔަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ދައުވާ އުފުލި އިރު، އެ މީހުންވެސް މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ވަނީ މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ކުރިއަށް ގެންގޮސްފައެވެ.
.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ މުހައްމަދު މިސްބާހެވެ. ގާޒީ މިސްބާހު ވަނީ ދައުވާ ލިބޭ ފަރާތްތަކަށް ލިބިގެންވާ ހައްގުތައް ކިޔައިދެއްވައިފައެވެ. އަދި ދައުވާ ލިބޭ ފަރާތްތަކުން ވަނީ ދައުވާ ސާފުވެއްޖެ ކަމަށް ބުނެފައެވެ.
މި އަޑުއެހުމުގައި އަހަނދުގެ ދިފާއީ ވަކީލު އަލީ ޝާހު ވަނީ މަރު ކޮމިޝަނުން އަލީ ޝަރީފު އުމަރު ޝަރީއަތުގައި ބައިވެރިވާތީ އެކަމަށް އިއުތިރާޒު ކުރައްވައިފައެވެ. ނަމަވެސް ދައުލަތުން ވަނީ މަރު ކޮމިޝަނުގެ ފަރާތުން ހާޒިރުކޮށްފައިވާ ފަރާތަކީ ދައުލަތުން ހެއްކެއްގެ ގޮތުގައި ހުހައަޅާފައިވާ ފަރާތެއް ނޫން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އަލީ ޝަރީފަކީ ދިފާއަށްވެސް ހެއްކެއްގެ ގޮތުގައި ހުހައެޅުމުގެ އިހްތިމާލު އޮތް ފަރާތެއް ކަމަށްވާކަން ދިފާއުން ފާހަގަކުރުމުން ގާޒީ ވަނީ މަރު ކޮމިޝަނުން ޝަރީއަތުގެ އަޑުއެހުން ދޫކޮށް ދިއުމަށް އަންގައިފައެވެ.
އެއަށްފަހު ކުރިއަށް ގެންގޮސްފައި ވަނީ، ލިޔެކިޔުންތައް ހަމަވިތޯ ކަށަަވަރުކުރުމެވެ. އެކަމާ ގުޅިގެން ވާހަކަދައްކަމުން ދިފާއީ ވަކީލުން ވަނީ ލިޔެކިއުންތަކާއި ގުޅިގެން ސާފުކުރަންޖެހޭ ކަންކަމަށް އިދާރީ ގޮތުން އަޑުއެހުމެއް ކުރިއަށް ގެންދިއުމަށް އެދިފައެވެ. އެއީ ބައެއް ލިޔެކިޔުންތައް ސާފުނުވާތީއާއި ބައެއް ފޯލިއޯ ނަންބަރުތައް މަދުވުމުންނެވެ.
މި މައްސަލައިގައި ދައުލަތުން ވަނީ ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދިފައެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމަވާނީ ދިފާއަށްވެސް ވާހަކަދެއްކުމުގެ ފުރުސަތު ދިނުމަށްފަހުކަން ގާޒީ މިސްބާހް ވިދާޅުވިއެވެ. ގާޒީ ވިދާޅުވީ، ސެޕްޓެމްބަރު މަހުގެ ކުރީކޮޅު މި މައްސަލައިގެ އިދާރީ ބައްދަލުވުންތަކެއް ބާއްވަވާނެ ކަމަށެވެ.
މި މައްސަލައިގެ ބާވަތުން ދައުލަތުން ވަނީ މައްސަލައިގެ ކުރިއަށް އޮތް އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް އެދިފައެވެ. އިސޫގެ ދިފާއީ ވަކީލު ހަމްޒާ ލަތީފުވެސް ވަނީ ޝަރީއަތް ސިއްރުކޮށްދޭން އެދިފައެވެ.
"ދައުލަތުން މިގޮތަށް މި އެދޭ ސަބަބަކީ މި މައްސަލައިގެ މައުލޫއާ ގުޅިގެން ވާހަކަދައްކާއިރުގައި ދެކެވޭ ވާހަކަތަކެއްގެ ސަބަބުން މި މައްސަލައިގައި ހިމެނޭ އެކިއެކި ފަރާތްތަކަށް އަނިޔާ ލިބުމުގެ ފުރުސަތު އޮތުމާއި އެމީހުންގެ މަސްލަހަތު ރައްކާތެރިކުރުމާއި އަދި މި މައްސަލައިގެ އެކިއެކި ބައިތައް މިހާރުވެސް ތަހުގީގުކުރެވެމުންދާތީވެ، ޝަރީއަތުގައި ދެކެވޭ ވާހަކަތަކެއްގެ ސަބަބުން ތަހުގީގަށް ހުރަސް އެޅުމުގެ ފުރުސަތު އޮވެ އެފަދަ މައުލޫމާތުތައް ހާމަވެ، އަދުލުއިންސާފު ގާއިމުކުރަން ހުރަސް އެޅިދާނެތީ،" އަޑުއެހުންތައް ސިއްރުކޮށްދޭން އެދުނު ސަބަބު ތަފުސީލު ކޮށްދެއްްވައި ދައުލަތުން ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ، ދެން އޮންނަ އަޑުއެހުމަކަށްވާއިރު އެކަމާ ގުޅިގެން ގޮތެއް ނިންމަވާނެ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި އިސޫގެ ފަރާތުން ވަނީ ބަންދު މުރާޖާ ކޮށްދިނުމަށް އެދިފައެވެ. ނަމަވެސް އެކަމަށް ފަހުން މަޖިލީހެއް ބާއްވާނެ ކަން އިއުލާނު ކުރައްވައި ގާޒީ މިސްބާހް ވަނީ މިއަދުގެ އަޑުއެހުން ނިންމަވާލައްވައިފައެވެ.. މި މައްސަލައިގެ އަޑުއެހުމެއް ދެެން އޮންނާނީ އަންނަ މަހުގެ 15ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު