ދުނިޔެ

އަދުގެ ދުނިޔެ: ސޯވިއެޓް ޔޫނިއަން ރޫޅުމަށް މެދުވެރިވި ލީޑަރު ގޮރްބަޗޯފްގެ ވަކިވުން!

އިމާދު ލަތީފު

ސޯވިއެޓް ޔޫނިއަންގައި އެންމެ ފަހުން ވެރިކަން ކުރެއްވި ލީޑަރު މިޚާއިލް ގޮރްބަޗޯފް ރޭގެ ވަގުތެއްގައި ވަނީ އަވަހާރަވެފައެވެ. އުމުރުފުޅަކީ 91 އަހަރެވެ. ގޮރްބަޗޯފް އަވަހާރަވީ ރަޝިޔާގެ ވެރިރަށް މޮސްކޯގައެވެ. ސޯވިއެޓް ޔޫނިއަންގެ ވެރިކަން އޭނާ ކުރެެއްވީ 1985 ވަނަ އަހަރުން ފެށިގެން 1991 ގައި ސޯވިއެޓް ޔޫނިއަން ރޫޅިގެން، އުވިގެން ދިޔުމާ ހަމައަށެވެ. ގޮރްބަޗޯފްގެ ހަޔާތުގެ ފަހުބައި އޭނާ ހޭދަކުރެއްވީ އާލާސްކަންފުޅެއްގެ ވޭނުގެ ތެރޭގައެވެ. އަވަހާރަވީ މޮސްކޯގައި ހުންނަ ސެންޓްރަލް ކްލިނިކަލް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ގޮރްބަޗޯފް ފަސްދާނުލުމަށް ހަމަޖެހިފައިވަނީ މޮސްކޯގެ ނޮވޯޑެވިޗީ ގަބުރުސްތާނުގައި އޭނާގެ އަނބިކަނބަލުން ރައީސާ ގޮރްބަޗޯފާއި ޖެހިގެންނެވެ. ރައީސާ އަވަހާރަވެފައިވަނީ 1999 ގައެވެ.

ސޯވިއެޓް ޔޫނިއަންގެ ވެރިކަން ގޮރްބަޗޯފްއަށް ލިބިވަޑައިގަތީ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް 1985 ވަނަ އަހަރު ވަޑައިގެންނެވި ހިސާބުންނެވެ. ކުރީގެ ލީޑަރުންނާ ޚިލާފަށް ގޮރްބަޗޯފަކީ އިސްލާހަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ސިޔާސީ ދާއިރާޔާއި އިގްތިސާދީ ދާއިރާއަށް ޒަމާނާއި ގުޅޭ ބަދަލުތައް ގެންނެވުމަށް ވަރަށް ބޮޑަށް ބާރު އެޅުއްވިއެވެ. ސޯވިއެޓް ޖުމްހޫރިއްޔާތަކާއި އިރުމަތީ ޔޫރަޕުގެ ކޮމިއުނިސްޓް ގައުމުތަކުގައި ޑިމޮކްރަސީއަށް އެދި ރައްޔިތުން 1989 ގައި ކުރާންފެށި މުޒާހަރާތައް ރޫޅާލަން ބާރުގެ ބޭނުން ކުރުމަށް ގޮރްބަޗޯފް ދެކޮޅު ހެއްދެވިއެވެ. ފަރުދީ މިނިވަންކަން ހަނިވާގޮތަށް ކަންކަން ކުރަން ދެކޮޅު ހެއްދެވިއެވެ. އިރުމަތީ ޔޫރަޕުން ކޮމިއުނިޒަމް ލުހިގެންގޮސް ސޯވިއެޓް ޔޫނިއަން ރޫޅިގެން ދިޔުމުގެ ބާރަކަށްވީ ގޮރްބަޗޯފްގެ މި ސިޔާސަތެވެ.

ސޯވިއެޓް ޔޫނިއަން ރޫޅާލުމަކީ ގޮރްބަޗޯފް އެދިވަޑައިގެންނެވި ގޮތެއް ނޫނެވެ. އަދި އެކަމަށް މަސައްކަތް ކުރެއްވި ކަމެއްވެސް ނޫނެވެ. ގޮރްބަޗޯފް ކުރެއްވި ކަމަކީ އިސްލާހީ އެޖެންޑާއެއް ތައާރަފު ކުރައްވައި އޭގައިވާ ކަންކަން ތަންފީޒު ކުރެއްވުމެވެ. ހުޅުވާލެވިގެން ދެފުށް ފެންނަ ގޮތަށް ކަންކަން ކުރެއްވުމެވެ. ފަރުދީ ހައްގުތަކަށް އިހުތިރާމް ކުރުމުގެ ސަގާފަތެއް އަށަގެންނެވުމެވެ. މިކަންކަން ފެއްޓެވީމާ ރައްޔިތުންނަށް ލިބުނު މިނިވަންކަމުގެ ބޭނުންކޮށްގެން މާބޮޑެތި ކަންކަމަށް އެދެންފެށީއެވެ. ތޫފާން މައިތިރިވޭތޯ ގޮރްބަޗޯފް ގަދައެޅުއްވިއެވެ. އެކަމަކު ބަދަލުގެ ރާޅު އެޔަށްވުރެ ބޮޑުވެފައި ވަރުގަދައެވެ. އެހެންވީމާ ގައުމު ރޫޅިގެން ދިޔައީއެވެ. ސޯވިއެޓް ޔޫނިއަންގައި ހިމެނުނު 15 ޖުމްހޫރިއްޔާ ވަކިވަކި ގައުމުތަކެއްގެ ގޮތުގައި މިނިވަންވެގެން ދިޔައީއެވެ.

ގޮރްބަޗޯފްގެ އިސްލާހީ ހަރަކާތް މަޝްހޫރުވެފައިއޮތީ ޕްރެސްޓްރޮއިކާގެ ނަމުންނެވެ. މި ހަރަކާތުގެ ފަލްސަފާޔަކީ ގްލާސްނޮސްޓޭ ކިޔުނު ފިކުރެކެވެ. ގްލާސްނޮސްޓްގެ ލަފްޒީ މާނަޔަކީ ފޮރުވުމެއްނެތި ހުޅުވިގެންވުމެވެ. ޕްރެސްޓްރޮއިކާގެ މާނަޔަކީ އަލުން އާރާސްތު ކުރުމެވެ. ގޮރްބަޗޯފް ބޭނުންފުޅުވީ ހުޅުވާލެވިފައިވާ މުޖުތަމައެކެވެ. ޒަމާނާއެއްގޮތަށް ތަރުތީބު ކުރެވި އާރާސްތު ކުރެވިފައިވާ ސިޔާސީ ނިޒާމެކެވެ. ސިޔާސީ ޑިސިޕްލިންއެކެވެ. އިހުގެ ލީޑަރުންގެ ތެރެއިން ސްޓާލިންއާއި ބްރެޒިނެވް ކަހަލަ ބޭފުޅުން ޕްރޮމޯޓްކުރެއްވި ބޯދާ އަދި ޚުދުމުޚުތާރު ގޮތްތައް ސޯވިއެޓް ޔޫނިއަނުން ފޮހެލެއްވުމަށެވެ. މިކަމުން ނެރެވުނު ނަތީޖާއަކީ ގައުމު ފޮހެވިގެން ނެތިގެން ދިއުމެވެ. ދެން އުފަންވީ މިނިވަން ރަޝިޔާއެކެވެ. އެތަނުގެ އައު ލީޑަރަކީ ބޮރިސް ޔެލްސިނެވެ. ގޮރްބަޗޯފް ބަދަލުވެގެންދިޔައީ މަގާމެއް، ހައިސިއްޔަތެއް ނެތް ބޭފުޅަކަށެވެ.

ގޮރްބަޗޯފަށް ރަޝިޔާގެ ވަރަށް ގިނަބަޔަކު ނަފްރަތު ކުރެއެވެ. އެއީ ގޮރްބަޗޯފްގެ ވެރިކަމުގައި ސޯވިއެޓް ޔޫނިއަން ރޫޅިގެންދިޔުމާއި ދުނިޔޭގައި ރޫސީންނަށް ލިބިފައިއޮތް މަތިވެރި މަގާމު ގެއްލިގެން ގޮސްފައިވާތީއެވެ. އެހެންނަމަވެސް ހުޅަނގު ޔޫރަޕާއި އެމެރިކާގައި ގޮރްބަޗޯފަކީ ހީރޯއެކެވެ. އެމީހުން ދެކޭގޮތުގައި އެއީ ރިފޯމިސްޓެކެވެ. ދުނިޔޭގެ ސުލްހައަށް އިސްކަންދެއްވި ބޭފުޅެކެވެ. ހުޅަނގުގެ ބާރުއެޅުމާއެކު 1990 ވަނަ އަހަރު ނޯބަލްގެ ސުލްހައިގެ އިނާމު އެރުވުނީވެސް ގޮރްބަޗޯފަށެވެ. އެއީ ފިނި ހަނގުރާމަ ނިމުމަކަށް ގެނައުމުގައި އޭނާގެ ހިއްސާ ފާހަގަކުރުމުގެ ގޮތުންނެވެ. ހުޅަނގުން އެގޮތަށް ގަބޫލުކުރިއަސް ކުރިންވެސް ދެންނެވި ފަދައިން ރަޝިޔާގައި ގޮރްބަޗޯފާ މެދު ދެކެނީ ޚާއިނެއް ކަމުގައެވެ. ހުޅަނގަށް އަމާންދެއްވައި ރަޝިޔާ ގުރުބާން ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

އިރުމަތީ ޔޫރަޕާއި ހުޅަނގު ޔޫރަޕުގެ މެދުގައި ދަމާލެވިފައި އޮތް ދަގަނޑު ފަރުދާ ކަހައިލީ ގޮރްބަޗޯފްގެ ޕްރެސްޓްރޮއިކާއެވެ. ޖަރުމަނީގެ ބާލިންގެ ބޮޑުފާރު ތަޅައިލެވި އިރުމަތީ ޖަރުމަނާއި ހުޅަނގު ޖަރުމަން އެއްކޮށްލުމަށް މަގުފަހިވީ ގޮރްބަޗޯފްގެ ގްލާސްނޮސްޓް ފިކުރުންނެވެ. މިކަންކަން މިހެން ހުރީމާ ހުޅަނގުގެ ގައުމުތަކުން ގޮރްބަޗޯފާއި މާބޮޑަށްވެސް ރުހެނީއެވެ. ލޯބިވަނީއެވެ. ވެރިކަން ގެއްލުމަށްފަހު ގޮރްބަޗޯފް ކުރެއްވި ކަމަކީ ޒާތެއްގެ ފައުންޑޭޝަނެއް ހައްދަވައިގެން ސުލްހައިގެ މަސައްކަތް ކުރެއްވުމެވެ. މިކަމަށް ފައިސާ ހޯއްދަވަނީ ހުޅަނގުގެ ގައުމުތަކަށް ވަޑައިގެން ތަގުރީރު ކުރައްވައިގެންނެވެ. ހުޅަނގުން އޭނާއަށް ދަންނަވަނީ އަބަދުވެސް ރަތްދޫލައިގެ މަރުހަބާއެކެވެ. އެހެންވީމާ މަންޒަރު ދެކޭން ތިބޭ މީހުންނަށް ގޮރްބަޗޯފަކީ ހުޅަނގުގެ އެޖެންޓެއްކަމަށް ހީކުރެވޭގޮތް ވެފައިވެއެވެ.