ރާއްޖޭގެ މެދުން މުލަކު އަތޮޅުގައި އޮތް އެންމެ ކުޑަ އާބާދީއެވެ. ރަށުގައި ހުރީ 40 ގެއެވެ. ސްކޫލުގައި އުޅެނީ އެންމެ 14 ދަރިވަރުންނެވެ. ރަށުގައި އުޅެނީ 150 އެއްހައި މީހުންނެވެ. ފެންވަރު ރަނގަޅު ރެސްޓޯރެންޓެއް އަދި ފިހާރައެއް ނެތެވެ. ރަށްގިރުމާއި ލަފާފުރުމުގެ ދަތިކަން އޮތީ އިންތިހާއަށް ކުރިމަތިވެފައެވެ. ހެލްތު ސެންޓަރެއް ހުއްޓަސް އެތަނުން ލިބެނީ އާދައިގެ ހިދުމަތްތަކެވެ. ސްކޫލުގެ ދަރިވަރުންނަށް އެކަށީގެންވާ ތައުލީމު ފޯރުކޮށްދިނުމަށް ހިރާސްތައް ބޮޑެވެ. ޖާގައިގެ ދަތިކަން އޮތީ އިންތިހާއަށް ކުރިމަތިވެފައެވެ. މިކަހަލަ އެތައް ކަންބޮޑުވުމެއް މުލަކު އަތޮޅުގައި ބަނދަރެއް ނެތް ހަމައެކަނި ރަށް، ރަތްމަންދުއިން އެބަ ފެނެއެވެ.

ފެހިކަންގަދަ ރަތްމަންދޫގެ މަލަމަތި ބަލައިލާން ކިތަންމެ ހިތްގައިމަސް، ރަށުގެ ރައްޔިތުން ތިބީ ބިކަވެފައެވެ. އެ މީހުން މޫނުމަތީން ފެންނަނީ މާޔޫސްކަމުގެ ކުލަވަރެވެ. ތަރައްގީއަށް ފެންބޮވައިގެންވާ ހާލު، އެރައްޔިތުން އެދިއެދި ތިބީ، ތަރައްގީ ގެނެސްދެއްވާނެ ވެރިޔަކަށެވެ. އެރަށުގެ ރައްޔިތުންގެ ހާލު އަހާނެ ވެރިޔަކަށެވެ. ބާކީކޮށްނުލައި އަތުގައި ހިފާނެ ވެރިޔަކަށެވެ. އެ އިންތިޒާރުގައި ދިހަ އަހަރު ފާއިތުވި ފަހުން، އެރަށަށް ވަޑައިގެންނެވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ގައުމީ، އެއާލައިން މޯލްޑިވިއަންގެ ސީޕްލޭނެއްގައި މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު 9:30 ގައި ކެބިނެޓުގެ ބައެއް ވަޒީރުންނާއެކު ރައީސް ސޯލިހު ރަތްމަންދުއަށް ވަޑައިގަތްއިރު އެރަށުގެ ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް ފާލަން ސަރަހައްދަށް ޖަމާވެ ތިއްބެވެ. ރައީސަށް މަރުހަބާ ދަންނަވަން ރަށުގެ ފިރިހެންވެރީން ދިޔައީ، ދަނޑިޖެހުމުގެ ހަރަކާތަކަށް ތައްޔާރުވަމުންނެވެ. ހުރިހާ މޫނެއްވެސް ވަނީ އުފަލުން ފޮޅިފައެވެ. ރަތްމަންދޫ، ފާލަމުގައި ރައީސް ސޯލިހު، ފައިންޕުޅު ބީއްސައިލެއްވުމާއެކު މާފަތިތަކުން އެމަނިކުފާނުގެ ކަރުފުޅު ފުރާލިއެވެ. ދަނޑިޖެހުމުގެ ހަރަކާތް ޝުކުރުގެ ލަވަޔާއެކީގައި ފަށައިގަތެވެ. މަޑު ހިނގުމެއްގައި ރަށުގެ ރައްޔިތުންނާ ސަލާމް ކުރައްވަމުން، ރައީސް ފުރަތަމަ ވަޑައިގަތީ އެރަށު ސްކޫލަށެވެ. އެތަނުގައި އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ހާލު އެއްސެވިއެވެ. ރަތްމަންދޫ ރައްޔިތުން ރައީސްގެ އަރިހުން އެދުނީ އެރަށުގައި ދިރިއުޅެވޭނެ ގޮތް ހަދައިނުމަށެވެ.

"ކިތަންމެ ގިނަ ޕްރޮޖެކްޓްތަކެއް މިރަށުގައި ހިންގިޔަސް ރަނގަޅު ތައުލީމީ ނިޒާމަކާއި ރަނގަޅު ބޭސްފަރުވާ ލިބޭނެ ނިޒާމެއް ނެތިއްޔާމު އަޅުގަނޑުމެންނަށް މިތާ ދިރިއުޅެން ދަތިވެގެންދާނެ. އެކަމުގެ ސަބަބުން އަޅުގަނޑުމެން މިތާނގަ ތިބެން ކިތަންމެ ބޭނުންވިޔަސް އަޅުގަނޑުމެންނަށް ތިބުން އެއީ ކުރެވޭނެވަރު ކަމަކަށް ނުވޭ. އަމިއްލަ ތަޖުރިބާގެ އަލީގަ އަޅުގަނޑުމެން ބުނަން ޖެހެނީ ވަަރަށް ހިތްދަތި ތަޖުރިބާއެކޭ އަޅުގަނޑުމެން މިކުރަން ޖެހެނީ. އަޅުގަނޑުމެންގެ ދަރީންނަށްވެސް ރަށުގަ ތިބެގެން ތައުލީމު ހާސިލުކުރެވޭނެ ގޮތް ހެދުމަށް އަޅުގަނޑުމެން ބޭނުން. އަޅުގަނޑުމެންނަށް ތައުލީމު ހާސިލުކުރަން ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވި. އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ ހަޔާތް އެއްކޮށް ބަނަވެގެން ދިޔަ" ގިސްލަމުން، ކުޑައާބާދީއެއްގެ ޝަކުވާތައް ނައީމާ ޔޫނުސް ރައީސަށް ބަންޑުންކޮށްލިއެވެ.

ނައީމާގެ އެ އިއްވައިދިނީ މުޅި ރަތްމަންދޫގެ އަޑެވެ. އެ އަޑު އެއްސެވުމަށް ފަހު ރައީސް ވަނީ، ރަތްމަންދޫގެ ގުލްޒާރުގައި އުފަލުގެ މާތައް ފޮޅޭނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. ސެޓްލައިޓު ސްކޫލާއެކުގައި ރަތްމަންދޫގެ ދަރިވަރުންނަށް އެކަށީގެންވާ ރަނގަޅު ތައުލީމު ދެވޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. ރަތްމަންދު އާއި ކައިރީގައި އޮތް މުލީ އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވައި ހިދުމަތްތައް ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެންމެ މުހިންމުކަމެއްގެ ގޮތުގައި ރައީސް ވިދާޅުވެފައިވަނީ ރަތްމަންދުއަށް ބަނދަރެއް ހަދިޔާކޮށްދެއްވައި އެރަށަށް ކުރިމަތިވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށެވެ. އަދި އުޅަނދުތަކަށް ފަސޭހައިން އެރަށަށް ވަދެވޭ ގޮތަށް ރަށުގެ ފުއްޓަރު ފަރާތުގައި އޮތް ނެރު ފުންކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ.

ރަތްމަންދޫގައި މި ސަރުކާރުން ތަރައްގީގެ އެތައް މަޝްރޫއެއް މިހާރުވެސް އެބަކުރިއަށްގެންދެއެވެ. އެގޮތުން ފެނާއި ނަރުދަމާގެ މަސައްކަތާއި ފެނަކަ އޮފީހާއި އިންޖީނުގޭގެ މަސައްކަތް ދަނީ ބާރަށް ކުރިއަށެވެ. ކައުންސިލް އިދާރާގެ އާ އިމާރާތް ކުރުމަށް އިއުލާނުކޮށްފައިވާއިރު، ފުޓްސަލް ދަނޑަކާއި ވޮލީ ކޯޓެއް ހެދުމަށްވެސް ވަނީ އިއުލާނުކޮށްފައެވެ. އެކަންކަމުގެ އިތުރުން ބަނދަރަކާއި ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންވެސް އެވަނީ ލިބިފައެވެ.

ކުރީ ސަރުކާރުގެ ފަސް އަހަރު ނިމުމުއިރު ރަތްމަންދުއަށް ހަރަދުކޮށްފައިވަނީ ތިން މިލިއަން ރުފިޔާއެވެ. ނަމަވެސް މި ސަރުކާރުން އެރަަށަށް މިހާރުވެސް 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފިއެވެ. ރަތްމަންދޫ ކައުންސިލްގެ ރައީސް އިސްމާއިލް ނާހިދު ވިދާޅުވި ގޮތުގައި މި ސަރުކާރުން ރަތްމަންދުއަށް ގެނެސްދިން ތަރައްގީއާ ގާތަށްވެސް އެހެން ސަރުކާރަކުން އެރަަށަށް ކަންތައްތަކެއް ކޮށްދީފައެއް ނެތެވެ. ރައީސް ސޯލިހު ގެނެސްދެއްވި ތަރައްގީގައި ރަތްމަންދޫ ރައްޔިތުންނަށް އަތްލެވެއެވެ. އެ މަންޒަރު އެރައްޔިތުންނަށް އެހުރީ ފެންނާށެވެ.

"މިސަރުކާރުން މިރަށަށް ކަންތައްތަކެއް އެބަ ކޮށްދޭކަން ހުރިހާ ރައްޔިތުންވެސް ގަބޫލުކުރޭ. އަޅުގަނޑަށް ބުނަން ކެރޭނެ މިއީ އެހެން ހުރިހާ ސަރުކާރެއް އެއްކޮށްލައިގެންވެސް މިރަށަށް ނުގެނެސްދެވުނު ތަރައްގީ މިސަރުކާރުން މިރަށަށް ގެނެސްދެއްވަމުންދާ ކަމަށް" ނާހިދު ވިދާޅުވިއެވެ.

ބާވީސް ހެކްޓަރުގެ ބިންބޮޑު ރަތްމަންދުއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ރަށްގިރުމުގެ މައްސަލައެވެ. ރަށުގެ ކައިރީގައި ރިސޯޓުތައް ހެދުމުގެ ސަބަބުންނާއި 2004 ވަނަ އަހަރު އެރި ސުނާމީއަށް ފަހު ރަށުގެ ރައްގިރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެ ކުރިން އެރަށުގެ ފަޅު ފުންކުރުމުގެ ސަބަބުންވެސް ރަށްގިރުން އިތުރުވެފައިވާ ކަމަށް ރަށުގެ ރައްޔިތުން ބުނެފައިވެއެވެ.

"ރަށުގެ ޖެޓީ ސަރަހައްދުން މިހާރު ވެއްޓިފަ އެހުރީ ހަތަރު ވަނަ ރުއްބަރި. ގާތްގަނޑަކަށް 40 ފޫޓަށް ގިރާފަ އެބަހުރި. ރަށުގެ ފުއްޓަރު ފަރާތުގަ ޖަހާފަ ހުރި ވިންޑް ޓާބިންތަކުގެ ތެރެއިން ހަތަރު ޓާބިން މިހާރު ހުރީ މޫދުގަ" ރަތްމަންދޫގެ ރަށްގިރުން ސިފަކޮށްދެއްވަމުން ކައުންސިލް ރައީސް ނާހިދު ވިދާޅުވިއެވެ.

ރަތްމަންދޫ ރައްޔިތުން ގަބޫލުކޮށްގެން ތިބީ އެރަށަށް ބަނދަރެއް ހައްގު ނުވާ ކަމަށެވެ. ނަމަވެސް އެ ވިސްނުން ރައީސް ސޯލިހު މިވަނީ ބަދަލުކޮށްދެއްވައިފައެވެ. ކުދި އާބާދީތައް ބާކީ ނުކުރައްވާނެކަން ރައީސް ދައްކުވައިދިނީ، ރަތްމަންދޫގެ ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ. ރަތްމަންދޫގައި މިހާރު އޮތީ 2018 ވަނަ އަހަރު ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ހެދި ކޮންކްރީޓް ފާލަމެކެވެ. އޭގެ ކުރިން އެރަށުގައި އޮތީ ރައްޔިތުންގެ ހަންބޯ އަތްތަކުން، ލަކުޑިން ހެދި ފާލަމެކެވެ. ނަމަވެސް ރަށުގައި ބަނދަރެއް ނެތުމުން މޫސުން ގޯސް ދުވަސްވަރެއްގައި އެރަށު ފަޅުގައި އަޅާފައިހުރި 12 ވަރަކަށް އުޅަނދަށް އެއްވެސް ހިމާޔަތެއް ނުލިބެއެވެ. ބައެއް އުޅަނދުތައް އަޑިއަށް ގޮސްފައިވެސް އެބަހުއްޓެވެ. މޫސުން ގޯސް ދުވަސްވަރެއްނަމަ އޮޑިވެރިން އުޅެން ޖެހެނީ ލޮލުފިޔަ ނުޖަހައެވެ.

"ބައެއް ރޭރޭ ރައްޔިތުން ނުކުމެ ބައެއް އުޅަނދުތައް އެއްގަމަށް އަރުވާފަ ވެސް އެބަހުރި. އުޅަނދުތައް ބަންޑުން ޖެހުމުގެ ހާދިސާތައް ވަރަށް ބޮޑަށް ކުރިމަތިވޭ. ފާލަން އޮންނަ ގޮތުން ބައެއް އުޅަނދުތަކަށް ކައިރިކުރަންވެސް އެބަ ދަތިވޭ. އެހެންވެ، ބައެއް ދުވަސް ދުވަހު ރަށުގެ މީހުން ތިބެން އެބަޖެހޭ ރަށުން ބޭރަށް ދެވޭނެ ގޮތެއް ނެތި ރަށު ބަންދެއްގަވެސް" ރަތްމަންދޫ އޮޑިވެރިޔަކު ބުންޏެވެ.

ބޮޑު ފަޅެއް އޮތް ރަތްމަންދޫއަށް ރައީސް ސޯލިހު ދެއްވި ބަނދަރުގެ ޔަގީންކަމާއި އެރަށަށް މިސަރުކާރުން ގެނެސްދިން ތަރައްގީއާއެކު ރަތްމަންދުއަށް މިވަނީ އުފާވެރިކަން ވެރިވެފައެވެ. ކުޑަ އާބާދީއެއް ނަމަވެސް އެރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގައި ވަރު އެބަހުއްޓެވެ. އާރުލައެވެ. އާބާދީ ކުޑަޔަސް، ރަތްމަންދޫގައި ދިރިއުޅެވޭނެ ގޮތް ރައީސް އެގެންދަވަނީ ހައްދަވައިދެއްވަމުންނެވެ. މިއީ ހެޔޮވެރިކަމުގެ މިސާލެއް ކަމުގައި ރަތްމަންދޫ ރައްޔިތުން ގަބޫލުކުރެއެވެ.