މ. ވޭވަށުން އަލީ ޔާމީން -- ވަން އޮންލައިން

ކުރީ ސަރުކާރުތަކުން މެދުރާއްޖެތެރޭގެ ރަށްތައް އޮތީ ވަރަށް ބޮޑަށް ބާކީކޮށްފައި ކަމަށާއި ނަމަވެސް މި ސަރުކާރުން އެއްވެސް ރަށެއް ބާކީނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

މިރަށުގެ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ތަރައްގީ ގެނެސްދިނުމުގައި ވަކި ދާއިރާއެއް، ރަށެއް، އަތޮޅެއް އަދި ފިކުރެއް ބާކީ ނުކުރާނެ ކަމަށެވެ.

"އަޅުގަނޑަށް ފާހަގަވާ ގޮތުގައި މެދުރާއްޖެތެރޭގެ ރަށްތައް ވަރަށް ބޮޑަށް ބާކީކޮށްފައި މިއޮތީ، އަޅާނުލެވި. ތަރައްގީގެ މަޝްރޫގެ ވާހަކަ ދައްކާއިރުވެސް އުތުރާ ދެކުނުގެ ވާހަކަ ދެއްކެނީ. މެދުރާއްޖެތެރެއާ ހަމައިން މިކަންވެސް އެބަ ހުއްޓޭ. އެކަން މި ރަށްރަށަށް (މެދުރާއްޖެތެރޭގެ ރަށްރަށަށް) އަޅުގަނޑު ކުރާ ދަތުރުތަކުން ހާމަވޭ" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އާބާދީ ކުޑަ ނަމަވެސް ރައްޔިތުންނަށް ބޭނުންވާނެ ހިދުމަތްތަކެއް ހުންނާނެކަން ސަރުކާރުން ދެކޭ ކަމަށާއި އެހެންކަމުން ފެނާއި ނަރުދަމާއާއި ސިއްހީ ހިދުމަތް ރަށާއި އެ ސަރަހައްދުން ލިބޭނެ އިންތިޒާމު ގާއިމުކުރުމާއި ތައުލީމު ފޯރުކޮށްދިނުން ފަދަ އަސާސީ މުހިންމު ހިދުމަތްތައް ލިބެން ހުންނަންޖެހޭ ކަމަށެވެ.

އަދި މި ސަރުކާރުގެ ފާއިތުވި ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި އޭގެ ތެރެއިން ވަރަށް ގިނަ މަޝްރޫއުތައް ކުރިއަށް ގެންދެވުނު ކަމަށް ވިދާޅުވިއެވެ.