ހދ. ނޮޅިވަރަންފަރުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ކުޑަ ކުއްޖަކާއި އަންހެނަކު ފިހިއްޖެއެވެ.
ނޮޅިވަރަންފަރު ކައުންސިލް ރައީސް އަބްދުﷲ ނަދީމް "ވަން" އަށް މިއަދު ވިދާޅުވީ މިއަދު ހެނދު އެރަށު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި މަންމައަކާއި އޭނާގެ ކުޑަ ދަރިފުޅަށް އަނިޔާވެފައިވާ ކަމަށެވެ.
ނަދީމް ވިދާޅުވީ މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގީ ގޭސް ލީކުވެފައި ހުއްޓައި އުނދުން ޖެއްސުމުން ހުޅުގަނޑު ފަޅައިގެން ގޮސް ގައިގައި އަލިފާން ރޯވެގެން ކަމަށެވެ.
"ރަށު ސިއްހީ މަރުކަޒުގަ ފަރުވާދިނުމަށްފަހު މިހާރު އެ ދެމައިން އިތުރު ފަރުވާއަށް ކުޅުދުއްފުއްޓަށް ފޮނުވާލައިފި. ލިބުނު އަނިޔާގެ ތަފުސީލެއް އަދި އަޅުގަނޑަކަށް ނޭނގެ." އޭނާ ވިދާޅުވިއެވެ.
ނޮޅިވަރަންފަރު ސިއްހީ މަރުކަޒުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ މިއަދު ހެނދުނު އަލފާނުގެ ހާދިސާއެއްގައި ފިހުނު ކުޑަކުއްޖަކާއި އަންހެނަކު އެ މަރުކަޒަށް ގެންދިޔަ ކަމަށެވެ.
އޮފިޝަލު ވިދާޅުވީ ކުޑަކުއްޖާއަކީ އުމުރުން ދެ އަހަރާއި ބައިގެ އަންހެން ކުއްޖެއް ކަމަށާއި އަދި އަންހެން މީހާގެ އުމުރަކީ 32 ކަމަށެވެ. މީގެ ތެރެއިން އަންހެން މީހާގެ އަތާއި ފައި ވަރަށް ބޮޑަށް ފިހިފައިވާއިރު މުޅި ހަށިގަނޑުގެ 15 ޕަސެންޓާއި 17 ޕަސެންޓަށް ފިހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުޑަކުއްޖާގެ ހަށިގަނޑުގެ ހަ ޕަސެންޓު ފިހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު އެ ދެމައިންނަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު ދެމައިންގެ ހާލު އަދި ސީރިއަސް ނޫން ކަމަށް އޮފިޝަލު ވަނީ ވިދާޅުވެފައެވެ.
ނޮޅިވަރަންފަރުގައި ގޭސް ލީކުވެ ދެމައިން ފިހިފައިވާއިރު ހުސްވި ހަފުތާގައި ގދ. ރަތަފަންދޫގައި ހިނގި މި ފަދަ ހާދިސާއެއްގައި ފިހުނު އަންހެނަކު ވަނީ މަރުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު