ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މ. އަތޮޅުގެ ފަސް ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
ރައީސް މ. އަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަ ވާނީ އެ އަތޮޅު ރަތްމަންދޫ އަށެވެ. މީގެ އިތުރުން އެއަތޮޅު މަޑުއްވަރީ އާއި ދިއްގަރާއި ވޭވަށުގެ އިތުރުން އެ އަތޮޅުގެ އަތޮޅުވެރިކަންކުރާ ރަށް، މުއްޔަށް ވަޑައިގަންނަވާނެއެވެ.
ރައީސް އޮފީހުން ބުނީ، މިދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިތުރުން ބައެއް ރަށްރަށުގެ ރައްޔިތުންނާވެސް ރައީސް ބައްދަލުކުރައްވާނެ ކަމަށެވެ. އަދި ރަށްރަށުގައި ހިނގާ އުމުރާނީ ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތްވެސް ބައްލަވާލައްވާނެއެވެ.
މީގެ އިތުރުން ވޭވަށުގެ ބަނދަރާއި އެ ރަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެ ހުޅުއްވައި ދެއްވައި، ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ސޯލިހު، މ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު