ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ހަތަރު ވަނަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފިއެވެ.

މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނީ ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ބޭރުތޮށިލުމުގެ މަސައްކަތުގެ 60 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ އަގަކީ 39.9 މިލިއަން ރުފިޔާއެވެ.

މި މަޝްރޫއުގެ ދަށުން ފަތާ ސަރަހައްދެއް ކޮނުމާއި 803 މީޓަރު ބޭރުތޮށި 80 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 90 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.