ރާއްޖޭގައި އިންސާނީ ހައްގުތަކުގެ ހާލަތު 14 އަހަރު ކުރިއަށްވުރެ ގޯސް ކަމަށް މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.

އެމްއާރުއެމުން މިރޭ ނެރުނު ނޫސްބަޔާނެއްގައި އެހެން ބުނެފައިވާ އިރު، މީގެ 14 އަހަރުކުރިން ރާއްޖޭގެ ވެރިކަމުގައި ހުންނެވީ 30 އަހަރު ވެރިކަން ކުރެއްވި އެޕާޓީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމެވެ.

އެމްއާރުއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖެ ޒަމާނީ ޑިމޮކްރަސީއަށް ކުރި ދަތުރަކީ ގިނަ ބައެއްގެ ބައިވެރިވުން އޮތް ދިގު ދަތުރެއް ކަމަށެވެ. އަދި އެއީ ޒަމާނުއްސުރެ ރާއްޖޭގެ ނިޒާމުތައް އޮތް ގޮތް ޒަމާނާ އެކަށީގެންވާ ގޮތަށް ބަދަލުކޮށް، ރައްޔިތުންނަށް ގިނަ ދާއިރާތަކުން ހައްގުތަކާއި މިނިވަންކަން ލިބިދިނުމަށް ކުރެވުނު މަސައްކަތެއް ކަމަށެވެ.

ޒަމާނީ ޑިމޮކްރަސީ ރާއްޖެއަށް ތައާރަފުކުރުމަށް އެންމެ ބޮޑު ބާރެއް ލިބިގެންދިޔައީ އޭރުގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ސަރުކާރުން ރާއްޖޭގެ ގާނޫނު އަސާސީ އަލުން އެކުލަވައިލުމަށް ނިންމެވި ނިންމެވުމާއި ސަރުކާރުން އޭރު އިއުލާނު ކުރި އިސްލާހީ މަގުޗާޓުން ކަމަށް އެމްއާރުއެމުން ބުންޏެވެ.

ފެހި ގާނޫނު އަސާސީ ވެގެންދިޔައީ ދިވެހިން އުންމީދު ކުރަމުން އައި ޑިމޮކްރެޓިކް ނިޒާމު ރާއްޖެއަށް ދަތުރު ކުރުމަށް ކޮށުނު މުހިންމު މަގަކަށް ކަމަށް އެމްއާރުއެމުން ބުންޏެވެ.

ފެހި ގާނޫނުއަސާސީގެ ދަށުން މައުމޫންގެ ސަރުކާރުން ދުނިޔެ ބަލައިގަންނަ ފަދަ ޑިމޮކްރެޓިކް އިންތިހާބެއް ބޭއްވިތާ 14 އަހަރު ފުރެންދާ އިރު، މިއަދު ދިވެހި ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ޑިމޮކްރަސީ ގެނައުމަށް އޭރުގެ ސަރުކާރުން ކުރު މުއްދަތެއްގެ ތެރޭގައި ކުރި ބުރަ މަސައްކަތާއި ތަފާތު ފިކުރުގެ އަހުލުވެރިންނަށް ދިން އެއްބާރުލުމުގެ ނަތީޖާ، މި ވޭތުވެދިޔަ 14 އަހަރު ވެރިކަން ކުރި ވެރީން ނެރެވިފައި ނުވުން ކަމަށް އެމްއާރުއެމުން ބުންޏެވެ.

"އެގޮތުން ރާއްޖޭގެ ޖަލުތަކުގެ ހާލަތާއި އިންސާނީ ހައްގުތަކުގެ ހާލަތާއި ވާނުވާ ޖަހައި ޖަލަށް ލުމާއީ އިޖުތިމާއީ ރައްކާތެރިކަމާއި ކޮރަޕްޝަނާއި ކަންކަމުގައި ސިޔާސީ ނުފޫޒު ފޯރުވުން ފަދަ އެތައް ކަމަކަށް އެކަށޭނަ އިސްލާހާއި ކުރިއެރުން އައިސްފައި ނުވާކަން ރައްޔިތުން ފާހަގަކުރޭ. އަދި މުޖުތަމައުގެ ރައްކާތެރިކަމާއި ދީނީ އެއްބައިވަންތަކަން ފަދަ ބައެއް ދާއިރާތަކުން މީގެ 14 އަހަރު ކުރިއާ އަޅައި ބަލާއިރު އެތައް ފިޔަވަޅެއް ފަހަތަށް އަޅާފައިވާ ކަމަށް ރައްޔިތުން ދެކޭ،" އެމްއާރުއެމުން ބުންޏެވެ.

އެމްއާރުއެމުން ބުނީ ސިޔާސީ ކުރިއެރުން ހޯދަން ރާއްޖޭގެ ސިޔާސީ ތާރީހުގެ ހަގީގަތް މިއަދުގެ ޖީލުތަކަށް އޮޅުވާލައި ފިތުނަ އުފައްދައި، ސިޔާސީ ބޭނުމުގައި މީހުންގެ އަބުރު ކަތިލައި މުޖުތަމައުގައި ރުޅިވެރިކަން އުފެދޭ ފަދަ އަމަލުތައް ހިންގައިގެން ނުވާނެ ކަމަށެވެ. އަދި ދިވެހިންނަށް އަމާން ފަހި މާދަމާއެއް ހޯދުމަށް ހުރިހާ ރައްޔިތުން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މައުމޫނުގެ 30 އަހަރުގެ ދިގު ވެރިކަން ނިމުމަކަށް ގެނައުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ދެއްކި ވާހަކައަކީ އެ 30 އަހަރުގެ އަނިޔާވެރިކަމުގެ ވާހަކައެވެ. ސަރުކާރަށް ފާޑުކިޔުމުން ޖަލަށްލައި އަނިޔާކުރުމާއި، ނުފޫޒު ފޯރުވުމުގެ ވާހަކަ ވެސް ދެއްކިއެވެ. ފެހި ގާނޫނު އަސާސީގެ ދަށުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައި ރައީސް މައުމޫން ވަނީ ކޯލިޝަނަކާއެކު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ރައީސް މުހައްމަދު ނަޝީދު އަތުން ބަލިވެފައެވެ.