ޖެހިޖެހިގެން ތިން ދުވަހު މަޖިލީހަށް ހާޒިރުވެވަޑައިނުގެން، މެޑިކަލް ސެޓްފިކެޓް ނުގެންނަވާ މަޖިލިސް މެންބަރުން ވަގުތުން މަގާމުން ވަކިވާގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބުދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު މަޖިލިހަށް ހުށަހެޅުއްވި، ކެމިކަލް ހަތިޔާރު މަނާ ކުރުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، މަޖިލީހުގެ ތަޅުމުގައި ގިނަ ގޮނޑިތަކެއް ހުސްކޮށް ހުރުމަކީ ލަދުގަންނަން ޖެހޭ ކަމެއް ކަމަށެވެ.

އެހެންކަމުން ޖެހިޖެހިގެން ތިން ދުވަސްވަންދެން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިނުގެން މެޑިކަލް ސެޓްފިކެޓް ނުގެންނަވާ މެންބަރުން ވަގުތުން މެންބަރުކަމުން ވަކިވާގޮތަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށާއި، އެގޮތަށް ގޮނޑި ހުސްވާތާ 45 ފަސް ދުވަހުގެ ތެރޭގައި އެކަން އިއުލާން ކުރަންޖެހޭ ގޮތަށް އިސްލާހުގައި ހިމަނުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޖާބިރު މި މޭރުމުން ވާހަކަދެއްކެވިއިރު، މިހާރު ކުރިޔަށްދާ މަޖިލީހުގެ ޖަލްސާތަކުގެ ހާޒިރީ ފެންނަނީ ވަރަށް ދަށްކޮށެވެ. ނިމިގެން ދިޔަ ދައުރާއި މި ދައުރު ފެށުނު ފަހުންވެސް، ބައެއް ދުވަސްތަކުގައި ދެބައިކުޅަ އެއްބައިހާ ގޮނޑި ހުސްކޮށް ހުރެ އެވެ.