ކ. ހިންމަފުށީގައި ފަތުރުވެރިންތަކެއް ތިބި ގެސްޓްހައުސްއަކަށް ވަދެ ގެއްލުންދީ، ރަށު ތެރޭގައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން ތިން މީހަކު ޝަރުތުތަކަކާއެކު ދޫކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ގެސްޓްހައުސްއަކަށް ވަދެ ގެއްލުންދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 32 އަހަރުގެ މީހަކު ހައްޔަރުކުރި ނަމަވެސް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކަކާއެކު ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

އޮފިސަރު އިތުރަށް ވިދާޅުވީ ހުކުރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ރަށުތެރޭގައި ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން 20 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 29 އަހަރުގެ މީހެއްގެ އިތުރުން 37 އަހަރުގެ މީހަކު ހައްޔަރުކުރި ކަމަށެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެތަނުން ދެ މީހެއްގެ ބަންދަށް ފަސް ދުވަސްދީ، ބާކީ ތިބި ދެ މީހުން ޝަރުތުތަކާއެކު ދޫކޮށްލާފައިވާ ކަމަށް އޮފިސަރު ވިދާޅުވިއެވެ.