މިދިޔަ ބުރާސްފަތި ދުވަހު ގދ. ރަތަފަންދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ހަށިގަނޑުގެ ބޮޑުބައެއް ފިހުނު އަންހެން މީހާ މަރުވެއްޖެއެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި އެ އަންހެން މީހާ މަރުވީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައެވެ. މަރުވެފައިވަނީ ރަތަފަންދޫ، ހިޔަލީގެ، އުމުރުން 55 އަހަރުގެ އާމިނަތު އަބްދުލްހަމީދެވެ.
މިކަމާ ގުޅިގެން އައިޖީއެމްއެޗްގެ މީޑިއާ އޮފިސަރަށް "ވަން" އިން ގުޅާލުމުން ވިދާޅުވީ ރޭ ފަތިހު 5:57 ގައި އެ އަންހެން މީހާ މަރުވެފައިވާ ކަމަށެވެ.
އެ އަންހެން މީހާގެ ދަރިއަކު ވެސް ވަނީ އޭނާގެ ފޭސްބުކް ޕޯސްޓަކުން މިކަން ޔަގީންކޮށްދީފައެވެ.
ރަތަފަންދޫ ކައުންސިލް މެމްބަރު ހުނައިފް އަސްލަމް "ވަން" އަށް މީގެ ކުރިން ވިދާޅުވީ ހާދިސާ ހިނގީ ގޭސް ލީކުވެފައި ހުއްޓައި އަންހެން މީހާ އުނދުން ރޯކޮށްލުމުން ކަމަށެވެ.
އަންހެން މީހާއަށް ރަތަފަންދޫ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އެ އަތޮޅު ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ހަމަ އެ ދުވަހު ވަނީީ ގެންގޮސް ފަރުވާދީފައެވެ. ނަމަވެސް ހާލު ދެރަވުމުގެ ސަބަބުން އިތުރު ފަރުވާއަށް އެ ހޮސްޕިޓަލުންވެސް ވަނީ އަންހެން މީހާ މާލެ ފޮނުވާލައިފައެވެ.
އަންހެން މީހާގެ ހަށިގަނޑުގެ 50 ޕަސެންޓަށްވުރެ ބޮޑުބައެއް ފިހިފައިވާ ކަމަށް އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މީގެ ކުރިން މައުލޫމާތު ދީފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު