އެމްޑީޕީއަކީ އަބަދުވެސް ބަދަލުގެ ތެރެއިން ހައްލު ހޯދައިދޭނެ ޕާޓީ ކަމަށާއި ދިވެހި ރައްޔިތުން އަދިވެސް އެދެނީ ބަދަލަށް ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީގެ ކޮންގްރެސްއަށް ގަރާރެއް ހުށަހަޅުއްވައިފައެވެ.

އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް ފެށުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި ނަޝީދު ވަނީ، ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމުގެ ތަފާތުގެ ވާހަކަ ދައްކަވަން މިރޭ ގަސްދުނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމުގައި ޕާޓީގެ ވިސްނުން ދެކަފިވެފައިވާ ކަމަށް ވިދާޅުވިއެވެ.

"ޕާޓީގެ އެއް ބަޔަކު ދެކެނީ ވެރިކަމުގެ ނިޒާމަށް ގެންނަން ޖެހޭ ބަދަލެއް ނެތް ކަމަށް. ވެރިކަން މި ކުރަމުން ގެންދާ ގޮތަށް އަޅުގަނޑުމެން ކުރަމުން ގެންދާންވީ ކަމަށް. ޕާޓީގެ އަނެއް ބަޔަކު ދެކެނީ ބަދަލު އަދިވެސް ބަދަލު ވާން ޖެހޭ ކަމަށް. މި ރާއްޖޭގައި ވެރިކަން ކުރާ ގޮތާއި އަދި އެ ވެރިކަމުގެ ވައްޓަފާޅި ވެސް އަދިވެސް ބަދަލުވާން ޖެހޭ ކަމަށް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީ އުފެދިގެން އައި އެންމެ މުހިއްމު އެއް ފަލްސަފާއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރައްޔިތުންގެ ކަންކަން ހިންގޭނެ ގޮތެއް ހޯދުމާއި ރައްޔިތުންނާ ގާތުން ވެރިކަން ކުރެވޭނެ ގޮތްތަކެއް ކަނޑައެޅުން ކަމަށެވެ.

ރާއްޖެއަށް ރިޔާސީ ނިޒާމު މަޖުބޫރުވެގެން އައީ އިލެކްޝަންސް ކޮމިޝަނުން ވޯޓު އޮޅުވާލައްވައިގެން ކަމަށް ތުހުމަތުކުރައްވައި ނަޝީދު ވިދާޅުވީ، ނިޒާމުގެ ބަހުސް އަބަދުވެސް ކުރެވޭނެ ކަމަށެވެ.

"މި ކޮންގްރެސްގައި މި ސުވާލުގެ ބަހުސް، އަޅުގަނޑަށް ޔަގީން ކަށަވަރު، މާ ބާރަށް ކުރެވޭނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، އެމްޑީޕީއަށް ތާއީދުކުރާ އެތައް ބައެއްގެ އުއްމީދަށް ގޮންޖަހައި ކުރިއަށް ގޮސްގެން ހޯދޭނެ ކާމިޔާބީއެއް ނެތް ކަމަށެވެ. އަދި ކާމިޔާބުކުރެވޭނީ އެމްޑީޕީގެ ހުރިހާ މެންބަރުން އެކުގައި ބައިތިއްބައިގެން ކަމަށްވެސް ވިދާޅުވިއެވެ.