އެމްޑީޕީގެ އެޖެންޑާ-19 ގައި ރިސޯޓް މުވައްޒަފުންނަށް ވެފައިވާ ވައުދުތައް ފުއްދާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރޭ ސިފަކުރައްވައިފިއެވެ.

އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޖަލްސާގަައި ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ ރާއްޖެ ބަދަލުކުރި ޕާޓީ ކަމަށާއި އެ ޕާޓީން އަދިވެސް ދާނީ ރާއްޖެ ބަދަލުކުރަމުން ކަމަށެވެ.

އެމްޑީޕީން ގެނެސްދިން ބަދަލުތައް ތަފްސީލުކޮށްދެއްވައި ރައީސް ނަޝީދު ވަނީ، ޓެކުހުގެ ނިޒާމަކީ ގެނެވުނު މުހިންމު ބަދަލެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޓެކުހުގެ ނިޒާމާއެކީ ދައުލަތުގެ އާމްދަނީ އެތައް ގުނައެއް އިތުރުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ރިސޯޓު މުވައްޒަފުންނަށް ގެނެސްދެއްވި ބަދަލުތައްވެސް އެމަނިކުފާނި ތަފްސީލުކޮށްދެއްވިއެވެ.

"މިނިމަމް ވޭޖް ކަނޑައެޅިއްޖެ، ނައިޓަށް ގެއަށް ދެވޭ ގޮތް ވެއްޖެ، ރިސޯޓް ފަހަރުގައި މަސައްކަތްކުރާ މީހުންނަށް އެމީހުންގެ ސާވިސްޗާޖް ފުރިހަމައަށް ލިބޭ ގޮތް ވެއްޖެ. ހަތްސަތޭކަ ޑޮލަރު ގެއަށް ނުގެންދާ، އިރާދަކުރެއްވިއްޔާ އެންމެ ކުއްޖެއްވެސް މިހާރު ނެތް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މަޖިލީސް ރައީސްކަމުގައި އިންނަވައި އެމްޑީޕީގެ ސުޕަ މެޖޯރިޓީއެއް އޮންނަ މަޖިލީހުން ވަނީ ރިސޯޓު މުވައްޒަފުންނަށް ފައިދާވާ ގާނޫނުތަކެއް ގެނެސްފައެވެ. އެގޮތުން މިނިމަން ވޭޖު ކަނޑައެޅުމާއި ސާވިސް ޗާޖު ހަމައަށް ދިނުމަށް ގާނޫނު އިސްލާހުކޮށްފައިވެއެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތު ގަޑި ނިމުމުން މަސައްކަތް ކުރާ ތަން ދޫކޮށް ދިއުމަށް ހުރަސް ނޭޅޭނެ ކަމަށާއި އެ ހައްގު ކޮންމެ މުވައްޒަފަކަށްވެސް ލިބިގެންވެއެވެ. ނަމަވެސް އެ އިންތިޒާމުތައް އަދިވެސް ގިނަ ރިސޯޓުތަކުން ހަމަޖައްސައިދީފައެއް ނުވެއެވެ.