ސަރުކާރު ހިންގާ ކޯލިޝަނާއެކު އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް ދެވިދާނެ ކަމަށް ދެކުމަކީ އަވާމެންދުރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްގައި ވާހަކަފުޅުދައްކަވަމުން ރާއްޖޭގެ ރައީސްކަންވެސް ކުރެއްވި ނަޝީދު ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުތް އިރު، ހުރިހާ ސިޔާސީ ލީޑަރުން ތިބީ ހިފާ ހައްޔަރުކޮށްފައި ކަމަށާއި ނަމަވެސް މިއަދުގެ ހާލަތު ވަރަށް ތަފާތު ކަމަށެވެ. އަދި މިއަދު ކޯލިޝަންގެ ލީޑަރުން ތިބީ މިނިވަންކޮށް ކަމަށް ވިދާޅުވިއެވެ.

"މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓާއެކުގައި އެހެން ޕާޓީތައް، މިއަދުގެ އަޅުގަނޑުމެންގެ އިއްތިހާދު 2023 ވަނަ އަހަރަށް އަޅުގަނޑުމެންދާއިރު ތިބޭނެ ކަމަށް ދެކިއްޖެ ނަމަ މިތިބެނީ އަވާ މެންދުރެއްގައި،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ކޯލިޝަންގެ ލީޑަރުން މިހާރު ގެންދަވަނީ އަންނަ އަހަރުގެ އިންތިހާބު ކާމިޔާބުކުރަން ބުރަކޮށް މަސައްކަތް ކުރައްވަމުން ކަމަށެވެ. އަދި ވާދަވެރި ސިޔާސީ ހަރަކާތަކީ އެއީ ކަމަށްވެސް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އަންނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވެން އޮތީ ޕާޓީގެ ހުރިހާ މެންބަރުން އެކަތިގަނޑެއްގެ ގޮތުގައި ތިބެގެން ކަމަށެވެ. ނޫންނަމަ އިންތިހާބުގައި އެމްޑީޕީއަށް ބޮޑު އަދަދެއް ނުލިބޭނެ ކަމަށް ވިދާޅުވިއެވެ.

"އިއްޒަތްތެރި ރައީސް، ރައީސް ކައިރިން އަޅުގަނޑު މިއަދު އެދެނީ. މި ޕާޓީގެ ހުރިހާ މެންބަރުން އެކުގައި ބައިތިއްބައިގެން ކުރިއަށް ވަޑައިގެންނެވޭނެ. އެ މަގުން ނޫން ގޮތަކަށް ހަގީގަތުގައި އަޅުގަނޑުމެންނަށް ކާމިޔާބު ހޯދޭކަށް ނެތް،" ނަޝީދު ވިދާޅުވިއެވެ.

ކޯލިޝަނަކާއެކުގައި ރިޔާސީ އިންތިހާބަކާ ހަމައަށް ދިއުމަކީ އަވާމެންދުރެއްގެ ގޮތުގައި ރައީސް ނަޝީދު ސިފަކުރެއްވި އިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކޯލިޝަނަކާއެކު ދެވަނަ ދައުރެއް އެމަނިކުފާނަށް ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.