މިރޭ ފަށާ އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅުމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފޮނުއްވާފައިވާ ބަރުލަމާނީ ގަރާރު ފާސްވެއްޖެ ނަމަ އެއަށް އަމަލުކުރުން ލާޒިމުވާނެ ކަމަށް ކޮންގްރެސްގެ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވާ އަދި އެމްޑީޕީގެ އިންތިހާބީ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބްރޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކޮންގްރެސްގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރުމަށް ސޯޝަލް ސެންޓަރުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބްރޭ ވިދާޅުވީ، ބައެއް ގަރާރުތަކަކީ އަމަލުކުރުން ލާޒިމު ގަރާރުތަކެއް ނޫން ކަމަށެވެ.

"ރައީސް ނަޝީދު ހުށަހަޅުއްވާ ގަރާރު ފާސްވެއްޖެ ނަމަ އަމަލު ކުރުން ލާޒިމު ވާނެ،" އިބްރޭ ވިދާޅުވިއެވެ.

ކޮންގްރެސްއަށް ހުށަހެޅުއްވުމަށް ރައީސް ނަޝީދު ފޮނުއްވާފައިވާ ގަރާރުގައި، ވެރިކަމުގެ ނިޒާމު ބަދަލުކުރަން ވޯޓަށް އެހުމާއި ބޮޑުވަޒީރަކު ހުންނަގޮތަށް ބަދަލުކުރަން ވަނީ ހުށަހަޅުއްވައިފައެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ގާނޫނުއަަސާސީ އާއި ގާނޫނުތަކަށް އިސްލާހު ގެނައުމަށް އެމްޑީޕީ އިގުރާރުވުމަށްޓަކައި ހުށަހެޅުއްވި މި ގަރާރުގައި ހިމެނޭ އިސްލާހުތަކުގައި ވަނީ، ސަރުކާރުގެ އެންމެ އިސް ވެރިޔަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިހާބު ކުރާ ބޮޑުވަޒީރު ކަމުގައި ކަނޑައެޅުމަށާއި، ދައުލަތުގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކަނޑައެޅުމަށެވެ. ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ އިންތިހާބުގެ ވޯޓުގައި އެންމެ ގިނަ ވޯޓު ލިބޭ މީހާ ކަމުގައި ކަނޑައެޅުމަށްވެސް ހިމަނާފައިވެއެވެ.

ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ބާރުތަކާއި، ބޮޑުވަޒީރަކު ސަރުކާރު ހިންގާ އިރު، ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތަކާއި، އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ކަނޑައެޅުމަށްވެސް ހިމަނާފައިވެއެވެ.

ރައީސް ނަޝީދުގެ އިސްލާހުުގައި ވަނީ ސަރުކާރު ހިންގަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެކުލަވައިލެވޭ ވަޒީރުންގެ މަޖިލީހަކުން ކަމަށް ކަނޑައަޅަން ހުށަހަޅުއްވައިފައެވެ. މިހާރު އަމަލުކުރަމުންދާ ވެރިކަމުުގެ ނިޒާމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮންނަން ޖެހުުނު ނަމަވެސް ވަޒީރުންގެ މަޖިލިސް އެކުލަވާލުމުގެ ބާރު ލިބިދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ރައްޔިތުންގެ މަޖިލީހުން ސަރުކާރު ހިންގާގޮތަށް، ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި، ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީ ނިޒާމު ކަމަށް އެ ވޯޓުން ފާސްވެއްޖެނަމަ، ކޮންގްރެސްއަށް ހުށަހެޅުއްވި ގަރާރުގައިވާ ހުރިހާ އިސްލާހުތަކެއް ގާނޫނުއަސާސީ އާއި ގާނުނުތަކަށް ގެންނަން އެމްޑީޕީން އިގުރާރުވާކަމަށް ވަނީ ހިމަނައިފައެވެ.

ގާނޫނުއަސާސީ އާއި ގާނޫނުތަކަށް މި އިސްލާހުތައް ގެންނަން ޖެހޭ ސަބަބެއްގެ ގޮތުގައި ރައީސް ނަޝީދު ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ގާނޫނުއަސާސީން ދިވެހި ދައުލަތުގެ ވެރިކަމުގެ ނިޒާމާއި އިންތިހާބީ އުސޫލުތައް ކަނޑައަޅާފައިވާ ގޮތުން، ރިޔާސީ އިންތިހާބެއްގައި އެއް ޕާޓީން އެ އިންތިހާބު ކާމިޔާބުކޮށް، ސާފު ސާދާ މުތުލަގު ބާރުތަކަކާއެކު ސަރުކާރު ހިންގުމަށް އެއް ޕާޓީއަށް އާދެވުމަކީ ނާދިރުކަމަކަށްވުން ހިމެނެއެވެ. އަދި ވެރިކަމުގެ ނިޒާމާއި އިންތިހާބީ އުސޫލުތައް މިހާރު ރޭވިފައި އޮތް ގޮތުން، ސަރުކާރުގެ އެންމެ އިސް ފަރާތް (ރައީސުލްޖުމްހޫރިއްޔާ) ހޮވުމަށް ބާއްވާ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި، އެމްޑީޕީން އެހެން ޕާޓީތަކާއެކު އިއްތިހާދުވުމުން، ސަރުކާރު ހިންގުން ގަޑުބަޑުވެ، އެ ޕާޓީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައި ނުދެވި ސަރުކާރާމެދު ޕާޓީގެ އާންމު މެންބަރުންގެ އިތުބާރު ކުޑަވަމުންދިޔުން ވެސް ފާހަގަ ކުރައްވާފައިވެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ޒަމާނުއްސުރެ ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދެވި ނަމަވެސް އަދި އެކަން ކާމިޔާބުވާގޮތެއް ނުވެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ވެރިކަން ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންވެސް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. އެގޮތުން ރައީސް ވަނީ ނަޝީދުގެ އެ ގަރާރު އަނބުރާ ގެންދެވުމަށް ވެސް އެދިވަޑައިގެންފައެވެ.

ނަޝީދުގެ އެ ގަރާރުގައި ބަރުލަމާނީ ނިޒާމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 87 މެންބަރުންނަށްވުރެ އިތުރު ނުވާނޭ ހަމައަކުން ހިފެހެއްޓިފައި އޮތުމަށާއި, ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމަށް ވެސް ހުށަހަޅުއްވާފައިވެއެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތަށް ގެންނަ ބަދަލުތައް ކަނޑައެޅުމަށް ވެސް ހުށަހަޅުއްވާފައިވެއެވެ.