ލަންކާގައި އޮތް ގޮޓާބަަޔާ ރާޖަޕަކްސާގެ ވެރިކަމާ ދެކޮޅަށް އެގައުމުގެ ރައްޔިތުން އުތުރި އެރި މައްސަލައިގައި ގައުމުގައި ނުހުންނެވިގެން، ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވުމާ ގުޅިގެން ދިވެހިންނަށް ދިމާވެދާނެ ދުއްތުރާތަކުން ސަލާމަތްކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހެޅި މައްސަލަ މަޖިލިސް އިދާރާއިން އަނބުރާ ގެންގޮސްފައިވާ ކަމަށް އެ ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ފަހު ދައުރުގެ މަޖިލިސް ޖަލްސާތައް މިއަދު ފަށާފައިވާ އިރު، މިއަދު ބޭއްވި ހަމައެކަނި ކޮމިޓީ ކަމަށްވާ 241 ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފައްޓަވައި ކޮމިޓީ މެންބަރުންގެ މައުލޫމާތަށްޓަކައި އެ ވާހަކަ ހިއްސާކުރައްވަމުން އަސްލަމް ވިދާޅުވީ، ލަންކާގެ އޭރުގެ ރައީސް ކުއްލި ގޮތަކަށް ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމާ ގުޅިގެން ދިވެހިންނަށް ދިމާވެދާނެ ދުއްތުރާތަކުން އެމީހުން ސަލާމަތް ކުރުމާބެހޭ މައްސަލަ ޖުލައި 18 ގައި ކޮމިޓީއަށް ފޮނުވީ މަޖިލީހުގެ އިދާރާއިން ކަމަށެވެ. ނަމަވެސް އެއީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޒިމް ފޮނުއްވި މައްސަލައެއް ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
ލަންކާ ރައީސްގެ އެ ދަތުރުފުޅާ ބެހޭގޮތުން އޮޅުންފިލުވަން ބޭނުންވާ ކަންތައްތައް އޮޅުން ފިލުވުމަށްޓަކައި، ކޮމިޓީގެ ފަރާތުން ޑިފެންސް މިނިސްޓްރީއަށާއި ފޮރިން މިނިސްޓްރީއަށް ސިޓީ ފޮނުވި ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
"މަޖިލީހުގެ އިދާރާއިން އެދުނު އެ ސިޓީތައް އަނބުރާ ގެނައުމަށް، ނަމަވެސް އަޅުގަނޑު ދެންނެވިން ކޮމިޓީން އެގޮތަށް ފޮނުވާ ސިޓީ، އަނބުރާ ގެންނަގޮތަކަށް ނޫނޭ އޮންނަނީ، ބޭނުން ނަމަވެސް ކޮމިޓީން މައްސަލަ ގެންދަވާށޭ،"
ފޯން ކޯލެއްގެ ޒަރީއާއިން، ދެކެވުނު އެ ވާހަކަތަކަށްފަހު، ކޮމިޓީއަށް ލިބުނީ މެމޯއެއް ކަމަށާއި އެ މެމޯގައި، އެ މައްސަލަ އަނބުރާ ގެންދެވިކަމަށް ބުނެފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
ލަންކާގެ އޭރުގެ ރައީސް ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވުމަށްފަހު، އޭގެ އަނެއް ދުވަހު އެމަނިކުފާނު ވަޑައިގެންނެވީ ސިންގަޕޫރަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު