ގދ. ރަތަފަންދޫގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާއެއްގައި އަންހެނަކު ފިހިއްޖެއެވެ.

ރަތަފަންދޫ ކައުންސިލް މެމްބަރު ހުނައިފް އަސްލަމް "ވަން" އަށް މިއަދު ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށެވެ.

ހުނައިފް ވިދާޅުވީ ހާދިސާ ހިނގީ ގޭސް ލީކުވެފައި ހުއްޓައި އަންހެން މީހާ އުނދުން ރޯކޮށްލުމުން ކަމަށެވެ. މިހާރު އެ އަންހެން މީހާ އިތުރު ފަރުވާއަށް އެ އަތޮޅު ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ފޮނުވާލާފައިވާ ކަމަށާއި ނަމަވެސް ހާލު ސީރިއަސް ކަމެއް ނުވަތަ ނޫން ކަމެއްވެސް ނޭނގޭ ކަމަށް ވިދާޅުވިއެވެ. އަދި ހަށިގަނޑުން ފިހުނީ ކިތައް ޕަސެންޓު ކަމެއްވެސް ނޭނގޭ ކަަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު "ވަން" އަށް މިއަދު ވިދާޅުވީ ރަތަފަންދޫން މިއަދު ހެނދުނު 8:50 ހާއިރު އެ ހޮސްޕިޓަލަށް އަންހެނަކު ފިހިގެން ގެނައި ކަމަށެވެ.

އޮފިޝަލު ވިދާޅުވީ އަންހެން މީހާގެ ހަށިގަނޑުގެ 50 ޕަސެންޓަށްވުރެ ބޮޑުބައެއް ފިހިފައިވާ ކަމަށާއި އަންހެން މީހާއަށް ފަރުވާދެމުން އަންނަ ކަމަށެވެ. އެހެންނަމަވެސް ހާލު ސީރިއަސް ކަމެއް ނުވަތަ ނޫން ކަމެއް އަދި ދަންނަވަން ދަތި ކަމަށް އޭނާ ވިދާޅުވިއެވެ.