ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، ބޮޑުވަޒީރުގެ ގޮތުގައި މުހާތަބު ކުރައްވައި، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވާހަކަދައްކަވަން ފެއްޓެވުމުން މަޖިލިސް ރައީސް އެކަން ހުއްޓުވައިފިއެވެ.

ޖާބިރު އެގޮތަށް މުހާތަބުކުރައްްވައި ވާހަކަދައްކަވަން ފެއްޓެވީ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމްއާ ސުވާލުކުރެއްވުމުގެ ވަގުތުގައި މިނިސްޓަރާ ސުވާލުކުރުމަށް ދިން ފުރުސަތުގައި ވާހަކަދައްކަވަމުންނެވެ.

ޖާބިރު ވިދާޅުވީ ބޮޑުވަޒީރުގެ ލަގަބު ނަޝީދަށް ލިބިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ޝުކުރިއްޔާ އިއްޒަތްތެރި ޕްރައިމް މިނިސްޓަރު، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މަނިކުފާނަށް އެ ލަގަބު ލިބިގެން މި ދެންނެވީ، މިހާރު ސިސްޓަމް ބަދަލަވެފަ މިއޮތީ،" ޖާބިރު ވިދާޅުވިއެވެ.

އެއަށްފަހު ޖާބިރުގެ ވާހަކަ ކުރިއަށްގެންދަން ފެއްޓެވުމުން، ޖާބިރުގެ ވާހަކަ ހުއްޓުވުމަށްފަހު މަޖިލިސް ރައީސް ވިދާޅުވީ، މަޖިލިސް ގަވާއިދުގައި ވަނީ މަޖިލީހުގެ ރިޔާސަތާ މުހާތަބުކުރެއްވުމަށް ކަމަށެވެ.

ޖާބިރު ވިދާޅުވީ އެކަން "ނޭނގުނީ އިނގޭތޯ، މިހާރު ރިޔާސަތު އޮތްތޯވެސް ބަލަން އެބަޖެހޭ،" ކަމަށެވެ.

މިނިސްޓަރު އަސްލަމާ ސުވާލުކުރައްވަމުން ޖާބިރު ވަނީ ކާށިދޫގެ ނަރުދަމާ ގޭގެއަށް ގުޅައިދެނީ ކޮންއިރަކުންތޯ އައްސަވައިފައެވެ. "ކާށިދޫ ރައްޔިތުން، ފެނާއި ނަރުދަމާ ގުޅާލަން އެބަޖެހޭ ނަޖިސް ބަރާބަރަށް އޮޕަރޭޓްވާން އެބަޖެހޭ،" ކަމަށެވެ.

އެއަށްފަހު ކާށިދޫގައި އެއާޕޯޓެއް އެޅުމަށް ޖާބިރުގެ ކެމްޕެއިންގައި ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް އެ ރަށުގައި އެއާޕޯޓު އެޅުމާ ބެހޭގޮތުން ޖާބިރު ސުވާލުކުރެއްވިއެވެ.

"އެއާޕޯޓް ހެދުމަށްޓަކައި ރައްޔިތުން އާދޭސް އެބަކުރޭ، ދެން އަޅުގަނޑު މިހާރު މަހުރިން ލައްވައި ކުރަހައިފިން އަޅުގަނޑު ހުށަހެޅީމަ އަޅުގަނޑުގެ ފައިސާގައި އެއާޕޯޓް އަޅަން މަނިކުފާނު ހުއްދަ ދޭނަންތޯ،" ޖާބިރު ސުވާލު ކުރެއްވިއެވެ.

ޖާބިރުގެ ސުވާލާ ގުޅިގެން މިނިސްޓަރު އަސްލަމް ވިދާޅުވީ، ކާށިދޫގެ ފެނާއި ނާރުދަމާގެ މަސައްކަތް ބާރަށް ކުރިއަށް އެބަދާ ކަމަށާއި، ގޭގެއަށް ގުޅާލުމުގެ މަސައްކަތް ނިމިގެންދާނެ ކަމަށެވެ. އެގޮތުން ކުރިއަށްއޮތް އަހަރު މެދެއްހާތާ އެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ވެސް މިިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ކާށިދޫގައި އެއާޕޯޓެއް އަޅަން ސަރުކާރުގެ ސިޔާސަތަކު ނެތް ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ޖާބިރު ވިދާޅުވީ، "މިހާރުން މިހާރަށް އެއާޕޯޓް ހެދުމަށް ހުއްދަ ދޭންވީނޫންތޯ، ހުއްދަ ނުދެއްޏާ ކާށިދޫން ސަރުކާރު ބަލައެއް ނުގަންނާނެ،،" ކަމަށެވެ.