ޚަބަރު

މާކުރަތު ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 73 ޕަސެންޓް ނިމިއްޖެ

މުހައްމަދު ޖަމްޝަތް ވަހީދު

ރ. މާކުރަތު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތުގެ 73 ޕަސެންޓް ނިންމާލައިފިއެވެ.

މާކުރަތު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއާ އެމްޓީސީސީން ހަވާލުވީ މިއަހަރުގެ ޖެނުއަރީ 13 ވަނަ ދުވަހުއެވެ. ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 26.6 މިލިއަން ރުފިޔާއަށް 350 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެމްޓީސީސީން މިއަދު ބުނީ މާކުރަތު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތުގެ 73 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން، 45،024 ކިއުބިކް މީޓަރުގެ ސަަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 140 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 129 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 85 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 28 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، 641 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.