އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ރިޕޯޓް މިއަދު ލިބޭނެކަން "ވަން" އަށް ކަށަވަރުވެއްޖެއެވެ.

މައުލޫމާތު އެނގޭ ފަރާތަކުން "ވަން" އަށް މިއަދު ބުނީ، ޝިއާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް މިހާރު ހަދާފައިވާ ކަމަށާއި ޕޯސްޓްމޯޓަމް ރިޕޯޓް މިއަދުގެ ވަގުތެއްގައި ލިބޭނެ ކަމަށެވެ. އަދި މިރޭގެ ވަގުތެއްގައި އެކަމާ ގުޅޭ މައުލޫމާތު ފުލުހުން ހިއްސާކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.

އެނގިފައިވާ ގޮތުގައި ޝިއާގެ މަރުގެ ތަހުގީގަށް ފުލުހުން މިހާރުވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ.

ޝިއާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވައިލީ އިއްޔެއެވެ.

ޝިއާއު މަރާލާފައި އޮއްވައި ފެނުނީ މިމަހުގެ ހަތް ވަނަ ދުވަހު ހ. ޝީރީންވިލާ ގޭގެ ނުވަވަނަ ބުރީގައި ހުރި އެޕާޓުމަންޓެއްގެ ތެރެއިންނެވެ.

ޝިއާގެ މަރުގެ މައްސަލައިގައި ފުލުހުން ވަނީ އަލީ ޝާހިލް، 23، ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ޝިއާއު މަރާލައިފައި އޮއްވައި ފެނުނު އެޕާޓްމަންޓްގެ ތެރެއިންނެވެ. ތިން ކޮޓަރީގެ އެ އެޕާޓުމަންޓަކީ ޝާހިލްގެ އިތުރުން އޭނާގެ ރަށްޓެހި އަންހެނަކާއި އޭނާގެ ލޯބިވެރިޔާ އުޅޭ އެޕާޓުމަންޓެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ޝިއާއުގެ މަރުގެ ތުހުމަތު ވަނީ ޝާހިލްއަށް އެކަންޏެވެ. ޝިއާއު މަރާލަން ބޭނުންކުރި ބައެއް ހަތިޔާރު އެ އެޕާޓްމަންޓުން ފެނިފައިވާއިރު، މަރުގެ ތުހުމަތުވާ ޝާހިލް ވަނީ ޝަރީއަތް ނިމެންދެެން ބަންދުކޮށްފައެވެ،

"ވަން" އަށް އެނގިފައިވާ ގޮތުގައި ޝިއާއު ހަށިގަނޑު ފެނުނުއިރު އޭނާގެ ބޯ އޮތީ ވަކިކޮށްލައިފައެވެ. އަތި އަތް ބުރިކޮށްލައިފައިވާއިރު ފައިވެސް ބުރިކޮށްލައިފައިވާކަން އެނގިފައިވެއެވެ.