މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވައިލާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދޭ ގިންތިތަކުގެ ތެރޭގައި މިއަހަރު އިތުރު ގިންތިއެއް ވަނީ ހިމަނައިފައެވެ.
އެއީ، މި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރު ކަމަށްވާތީ، ފަތުރުވެރިކަމުގެ ދާއިރާއިން އާދަޔާ ހިލާފު ކުރިއެރުންތަކެއް ހާސިލުކޮށްފައިވާ ރާއްޖޭގައި ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތަކަށާއި މި ދާއިރާގެ ހިދުމަތް ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ މުވައްޒަފުން ގައުމުގެ ތަރައްގީއަށް ކޮށްފައިވާ އަދި ކުރަމުންގެންދާ އުފެއްދުންތެރި އީޖާދީ މަސައްކަތްތައް ފާހަގަކޮށް، ގައުމީ ފެންވަރެއްގައި އަގު ވަޒަންކުރުމަކީ، ވަރަށް މުހިންމު ކަމެއްކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެކެވަޑައިގަންނަވާތީ، އެމަނިކުފާނުގެ އެދިވަޑައިގަތުމުގެމަތިން އިތުރުކުރި ގިންތިއެކެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމުގެ ތެރޭގައި ހިމެނޭ އަނެއް ގިންތިތަކުގެ ތެރޭގައި ހިމެނޭ ފުރަތަމަ ގިންތިއަކީ، މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތިއެވެ. މިއީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ދިހައެއްގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދައިފައިވާ ފަރާތްތަކާއި ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއް، އަށެއް އަދި ނުވައެއްގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯދައިފައިވާ ފަރާތްތަކެވެ. މަތީ ތައުލީމުދޭ މަރުކަޒަކުން ކަނޑައަޅާ އެންމެމަތީ ދަރަޖައިގައި ކޯހުން ފާސްވެ، އެ މަރުކަޒުންދޭ އެންމެމަތީ ޝަރަފު ލިބޭ ފަރާތްތަކަށްވެސް މި ގިންތިން އިނާމު ދޭގޮތަށް މިދިޔަ އަހަރުން ފެށިގެން ވަނީ ހަމަޖައްސާފައެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސްގެ ހާއްސަ އިނާމު މި އަހަރު ދޭ ދެވަނަ ގިންތީގެ ތެރޭގައި ހިމެނެނީ، ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް އިނާމު ދިނުމުގެ ގިންތިއެވެ. އަދި ތިންވަނަ ގިންތިއަކީ ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއްކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދިނުމުގެ ގިންތިއެވެ.
ހަތަރުވަނަ ގިންތިއަކީ، ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދޭ ގިންތިއެވެ. މި އިނާމު ދެނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު