އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއްގެ މައްސަލައިގައި ސިފައިންގެ މީހަކު ސަސްޕެންޑުކޮށްފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއްގެ މައްސަލައިގައި ސިފައިންގެ މީހަކު ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ. އިތުރު ތަފުސީލެއް ނެދެއްވައެވެ.

ބަންގުލަދޭޝްގެ އެމްޑީ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި ސިފައިންގެ މީހާގެ ފޮޓޯއާއި ވަނަވަރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ އިރު، އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތުގައި ޕާސްޕޯޓު ހިފެހެއްޓި 18 މީހުންގެ ތެރޭގައި މި ސިފައިންގެ މީހާވެސް ހިމެނޭކަން "ވަން" އަށް ވަނީ ކަށަވަރުވެފައެވެ.

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި މިހާތަނަށް ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދާއި ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ އަބްދުއްރަހްމާން ރަފީއު (ދޮންދިގު) އެވެ.

މީގެ އިތުރުން އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގައި ކުރީގެ ނޫސްވެރިޔާ އަލީ ނަސީރު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު އިއްޔެ ވަނީ ދެވަނަ ފަހަރަށް އިތުރުކޮށްފައެވެ.