އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖުތިމާއީ ޒިންމާ "ޕްރިމިއަމް ފޯ ގުޑް" ގެ ދަށުން ފަންޑިން ޕްރޮގްރާމްތަކެއް ތައާރަފުކޮށްފިއެވެ.
އެ ކުންފުނީގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އެލައިޑް ކޮމިއުނިޓީ ފަންޑް" އާއި "އެލައިޑް އެޑިއުކޭޝަން ފަންޑް" ތައާރަފުކޮށްދެއްވީ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާނެވެ.
ފިރުޝާން ވިދާޅުވީ، އެލައިޑް ފަންޑިން ޕްރޮގުރާމަކީ އެލައިޑުން ވަރަށް އުއްމީދާއެކު ރާވަމުން އައި ޕްރޮޖެކްޓެއް ކަމަށާއި އެގޮތުން އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ފަރާތްތަކަށްވެސް އެ މުޖުތަމައެއްގައި ފާހަގަވެފައި ހުރި ކަންކަން ރަނގަޅުކުރުމަށް މާލީ ގޮތުން ކުރިމަތިވާ ހުރަސްތައް ނައްތާލެވޭނެ މަގެއް ފޯރުކޮށްދިނުން ކަމަށެވެ.
އަދި އެލައިޑުގެ ފަންޑިން ޕްރޮގްރާމްތައް މެދުވެރިކޮށް ރައްޔިތުން ބާރުވެރިވެ ދުޅަހެޔޮ މުޖުތަމައުތަކެއް އުފަންވާ މަންޒަރު ފެނިގެން ދިއުމަކީ މި ޕްރޮގްރާމް ހިންގުމުގެ މަގުސަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ޕްރޮގްރާމްތަކާބެހޭ އެންމެ ފަހުގެ މައުލޫމާތު www.allied.mv އިން ލިބޭނެއެވެ.
މި ފަންޑަކީ ހަ ދާއިރާއެއް ހިމެނޭ ގޮތަށް މުޖުތަމައުއަށް މަންފާ ކުރުވަނިވި ހިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން، އަތޮޅު ތެރޭގައި ދިރިއުޅޭ ފަރާތްތަކަށް ލިބިދޭ ފަންޑިން ޕްރޮގްރާމެކެވެ. އެގޮތުން ސިއްހީ ދުޅަހެޔޮކަން، އިޖުތިމާއީ ހިދުމަތް، ތިމާވެށި ރައްކާތެރިކުރުން، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް، ތައުލީމާއި ތާރީހުގެ ރޮނގުން ހެޔޮބަދަލުތަކެއް ގެނައުމަށް ހިންގިދާނެ ޕްރޮޖެކްޓްތަކަށް މި ފަންޑު ލިބޭނެއެވެ.
ކޮމިއުނިޓީ ފަންޑަށް [email protected] މެދުވެރިކޮށް އެޕްލިކޭޝަން ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހިޔާލު ހުށައަޅާ ހަތަރު ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އެހީ ލިބޭނެއެވެ.
މި ފަންޑަކީ އެލައިޑް ޕްރިމިއަމް ފޯ ގުޑް އޮނިގަނޑަށް އަލަށް އިތުރުކުރި ދެވަނަ ފަންޑިން ޕްރޮގްރާމެވެ. މި ފަންޑަކީ ތައުލީމީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި އެލައިޑުން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރުކުރި ބޮޅެކެވެ. މި ޕްރޮގްރާމް މެދުވެރިކޮށް ފަންޑިންއަށް އެދުމަށް ހުރި ފުރުސަތުތަކަކީ ދަރިވަރުންނާއި ޓީޗަރުންނަށް މަންފާކުރުވަނިވި ހިޔާލުތަކަށްވާނެއެވެ.
އެޑިއުކޭޝަން ފަންޑަށް، [email protected] ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހިޔާލު ހުށައަޅާ 8 ފަރާތަކަށް 25،000 ރުފިޔާގެ ފައިސާގެ އެހީ ދިނުމަށް ވަނީ ނިންމައިފައެވެ.
މި ދެ ފަންޑަށްވެސް އެދި ހުށަހެޅުމުގެ ސުންގަޑި މި މަހުގެ ނިޔަލަށް ހަމަވެއެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހެނީ އީމެއިލް މެދުވެރިކޮށެވެ.
"ޕްރިމިއަމް ފޯ ގުޑް" އަކީ އެލައިޑްގެ އިޖުތިމާއީ ޒިންމާއަށް ހާއްސަ އިސްނެގުންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް 2018ވަނަ އަހަރު އެކުލަވާލާފައިވާ އޮނިގަނޑެކެވެ. އެގޮތުން ޔޫއެންގެ ދެމެހެއްޓެނިވި ތަރައްގީއަށް ވާގިވެރިވާ މި އޮނިގަނޑުގެ ދަށުން، އެލައިޑުން ދަނީ ތިމާވެއްޓާއި ރައްޓެހި ހެޔޮ ބަދަލުތައް ގެނައުމުގައާއި ރަނގަޅު ތައުލީމީ ނިޒާމެއް ބިނާކުރުމުގައި ކާމިޔާބު ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު