ކުޑަހުވަދޫގައި ކުރަމުންދިޔަ މުޒާހަރާތަކާ ގުޅިގެން އެރަށުގައި އޮންނަ ދާލު އެއާޕޯޓަށް މަންޓާ އެއާގެ ދަތުރުތައް ހުއްޓާލާފައި އޮތުމަށްފަހު އަލުން ދަތުރުތައް ފަށައިފިއެވެ.

ކުޑަހުވަދޫ ޒުވާނަކު ހާޓްއެޓޭކެއް ޖެހިގެން އެމަޖެންސީގައި މާލެ ފޮނުވަން ޖެހިގެން އެކަމަށް ފްލައިޓެއް ހަމަޖައްސައި ދިނުމަށް މަންތާގައި އެދުމުން، އެކަން ހަމަޖައްސައި ނުދިން ކަމަށް ބުނެ ދާލު އެއާޕޯޓު ސަރަހައްދުގައި މިދިޔަ ހޯމަ ދުވަހު ހަވީރުން ފެށިގެން އެ ރަށު ރައްޔިތުން ދިޔައީ މުޒާހަރާކުރަމުންނެވެ. އެ މުޒާހަރާއާ ގުޅިގެން މަންތާގެ ދަތުރުތައް އިއްޔެއިން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލިއެވެ.

މަންތާގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އަށް މިއަދު ވިދާޅުވީ، މުޒާހަރާތަކާ ގުޅިގެން އިއްޔެ ހެނދުނުން ފެށިގެން ހަވީރަށް އޮތް ހަތަރު ފުލައިޓެއް ކެންސަލްކޮށް، ބައެއް ފަސިންޖަރުން ސީޕްލޭންގައި އުފުލަން ޖެހުނު ކަމަށެވެ. ނަމަވެސް އިއްޔެ ހަވީރު އަލުން ދަތުރުތައް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފަސިންޖަރުންނަށް އަޅުގަނޑުމެން ދިނިން އޮޕްޝަންތަކެއްވެސް. އެއީ އެހެން ފްލައިޓުތަކަށް ބަދަލުކުރަން. ނޫނީ އެހެން ދުވަހަކަށް ބަދަލުކުރަން. ދެން ބޮޑު އެއާކްރާފްޓެއްގައި އުފުލޭ ވަރަށް އަޅުގަނޑުމެންނަކަށް ސީޕްލޭންގައި ނުއުފުލޭނެ. އެހެންވެ ދެން ސީޕްލޭންގައި މީހުން އުފުލޭ ވަރަކަށް އިއްޔެ އުފުލިން،" އޭނާ ވިދާޅުވިއެވެ.

ދާލު އެއާޕޯޓަށް މަންތާއިން ދުވާލަކު 10-8 ފްލައިޓް ބާއްވާއިރު، އެ އެއާޕޯޓަށް އެހެން ފްލައިޓުތަކުން ވަރަށް ދަތުރުނުކުރެއެވެ.

އޮފިޝަލް ވިދާޅުވީ، ކުޑަހުވަދޫ ރައްޔިތުން ކުރަމުންދިޔަ މުޒާހަރާގައި އެއާޕޯޓަށް ވަދެވެން ހުރި ދޮރުތައް ޓިނު ޖަހައި ބަންދުކޮށް ހަމައެކަނި ދިވެހިންނަށް އެއާޕޯޓުން ނުކުމެވޭ ގޮތް ހެދި ނަމަވެސް، ގެސްޓުންނަށްވެސް މިހާރު އެއާޕޯޓުން ނުކުމެވޭ ގޮތް ހަދާފައިވާ ކަމަށެވެ. އަދި ރައްޔިތުން ޑިމާންޑުކުރަމުން އައި ކަންކަން ރައްޔިތުންނާއި ބައްދަލުކޮށް ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ވަގުތުން ވަގުތަށް މައްސަލައެއް ހައްލެއް ނުކުރެވޭނެ ކަމަށާއި އެކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގެ އެއްބާރުލުންވެސް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.