ދުނިޔެ

ބަޒް އޮލްޑްރިންގެ ޖައްވީ ޖެކެޓް 2.8 މިލިޔަން ޑޮލަރަށް ނީލަމުގައި ވިއްކާލައިފި

އެމެރިކާގެ އެޕޯލޯ އެގާރައޭ ކިޔުނު ޖައްވީ މިޝަނުގައި 1969 ވަނަ އަހަރު އެންމެ ފުރަތަމަ ހަނދަށްދިޔަ ޓީމުގައި ހިމެނުނު ބަޒް އޮލްޑްރިންގެ ޖެކެޓް ނުވަތަ ސްޕޭސް ސޫޓް އެމެރިކާގެ ނިއުޔޯކުގެ ނީލަމެއްގައި 2.8 މިލިޔަން ޑޮލަރަށް ވިކިއްޖެއެވެ.

އޮލްޑްރިންގެ ޖައްވީ ޖެކެޓުގެ ކުރިމަތީގައި ޖަހާފައި ވަނީ އެމެރިކާގެ ޖައްވީ އިދާރާކަމަށްވާ ނާސާގެ ލޯގޯއެވެ. އޭގެތިރީގައި އޮލްޑްރިންގެ ނަމާއި އެޕޯލޯ މިޝަނުގެ ލޯގޯއެވެ. ޖެކެޓުގެ ވާތްފަރާތު ކޮނޑުގައި ޖަހާފައިވަނީ އެމެރިކާގެ ދިދައެވެ. މި ޖެކެޓް ތައްޔާރުކޮށްފައިވަނީ ހުޅުނުހިފާ ކަހަލަ މާއްދާތަކެއް ބޭނުންކޮށްގެންނެވެ.

އޮލްޑްރިންގެ ޓީމުގައި ހިމެނުނު އެސްޓްރޮނޯޓުންގެ ތެރެއިން ހަނދަށް އެންމެ ފުރަތަމަ ފޭބީ ނީލް އާރމްސްޓްރޯންގެވެ. އޭނާއަކީ މިޝަނުގެ ކޮމާންޑަރެވެ. ދެވަނަޔަށް ފޭބީ ބަޒް އޮލްޑްރިންއެވެ. އެއީ އެޕޯލޯ މިޝަނުގައި ހިމެނުނު ލޫނާރ މޮޑިއުލް ނުވަތަ ހަނދަށް ތިރިކުރި އުޅަނދުގެ ޕައިލެޓެވެ. މިދެމީހުންގެ ތެރެއިން އޮލްޑްރިން އަދިވެސް ދުނިޔޭގައި އެބަހުއްޓެވެ.

މިހަފުތާގެ އަންގާރަ ދުވަހު ބޭއްވުނު ނީލަމުގައި ބަޒް އޮލްޑްރިންގެ ސްޕޭސް ސޫޓުގެ އިތުރަށް ދެން އެންމެ ބޮޑު އަގުގައި ވިކިފައިވަނީ އެޕޯލޯ އެގާރައިގެ ފްލައިޓް ޕްލޭން ހިމެނޭ ކަރުދާހެވެ. އެ މިޝަނުގައި ބޭނުންކުރި ތަކެތި އޭގެ 53 އަހަރު ފަހުން ބޮޑު އަގުގައި ނީލަމުގައި ވިކިފައިވާއިރު އެޕޯލޯ މިޝަނުގައި ހިމެނުނު ތިން ފަޅުވެރިންގެ ތެރެއިން މިހާރު ދުނިޔޭގައިހުރި ބަޒް އޮލްޑްރިންގެ އުމުރަކީ 92 އަހަރެވެ.