ކ. ފުށިދިއްގަރު ފަރަށް 2015 ވަނަ އަހަރުގައި ބާޖަކާއި ޓަގް ބޯޓެއް އެރި މައްސަލައިގައި 15 ދުވަސް ތެރޭގައި 100 މިލިއަން ރުފިޔާ ދެއްކުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑަށް އެންގުމުން، އެފައިސާ ދައްކާފައިނުވާތީ އެ މައްސަލަ އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.
ފުށިދިއްގަރު ފަރަށް ބާޖަކާއި ޓަގް ބޯޓެއް އެރި މައްސަލައިގައި މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައި ވަނީ 2018 ވަނަ އަހަރުގެ މާޗު މަހުގެ 14 ވަނަ ދުވަހުއެވެ. އެއީ ފަރަށް ލިބުނު ގެއްލުން ދިރާސާ ކުރުމަށްފަހުގައެވެ.
އެކުންފުނީގެ ފަރާތުން އެކަމަށް ލުޔެއް ދިނުމަށް އެންވަޔަރަމަންޓް މިނިސްޓްރީގައި އެދުނެވެ. އެކަމަކު އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ނިންމެވީ އެ މައްސަލައިގައި އެއްވެސް ލުޔެއް ނުދެވޭނެ ކަމަށެވެ.
އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމް މިރޭ "ވަން" އަށް ވިދާޅުވީ، މެއިންލޭންޑް ޝިޕިންއިން ޖޫރިމާނާ ފައިސާ ދައްކާފައިނުވާތީ، އެ މައްސަލައިގެ ކުރިއަށްގެންދަންވީ ގޮތުގެ މައުލޫމާތު ސާފުކުރަން އޭޖީ އޮފީހަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.
"ކުރިން ވެސް އަޅުގަނޑުމެން ވާނީ އެދިފައި 100 މިލިއަން ދައްކަން. އެކަމަކު އެފައިސާ ދައްކާފައިނުވޭ. އެހެންވެ އަޅުގަނޑުމެން އޭޖީ އޮފީހަށް ހުށަހެޅީ ދެން ކުރިއަށްދާންވި ގޮތް ބަލަން. މިސާލަކަށް ކޯޓު މެދުވެރިކޮށް އެ ފައިސާ ހޯދުމުގެ މަރުހަލާ ފަށަންވީތޯ،" ނައީމް ވިދާޅުވިއެވެ.
ދެހާސް ފަނަރަ ވަނަ އަހަރު ހިނގި މި ހާދިސާގައި ފުށިދިއްގަރު ފަރުގެ 4370 އަކަ މީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް އީޕީއޭ އިން ވަނީ މީގެ ކުރިން ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު