މާލޭ ސަރަހައްދުން ދޫކުރުމަށް ނިންމާފައިވާ ގޯއްޗާއި ފުލެޓަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކަށް އެހީވާން އެމްޑީޕީން ނިންމައިފިއެވެ.
އެމްޑީޕީން މިރޭ ބުނީ، އެ ޕާޓީގެ އެންމެ އިސް އެއް ސިޔާސަތު ކަމުގައިވާ ރައްޔިތުން ގެދޮރުވެރި ކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން ސަރުކާރުން މާލޭ ސަރަހައްދަށް ހާއްސަ ކުރެވޭ ގޯތި އަދި ފްލެޓްތަކަށް ފޯމް ހުށަހެޅުމަށް އެހީތެރިވެދިނުމަށް އާއްމު ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
އެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ކޮންމެ ރެއެއްގެ 8:00 އިން 10:30 އަށް އެމްޑީޕީ ދަނޑިކޮށި ޖަގަހައިގައެވެ.
އެމްޑީޕީން ބުނީ، އެޕާޓީގެ އަމާޒަކީ މަލޭ ރަށްވެހިންގެ ތެރެއިން ވީހާވެސް ގިނަބަޔަކަށް ބޯހިޔާވަހިކަމުގެ އެޕްރޮގްރާމްގެ ނަފާ ލިބި މާލޭ ސަރަހައްދުން އަމިއްލަ ގޯއްޗާއި ފްލެޓް ލިބިގެން ދިއުން ކަމަށެވެ.
ސަރުކާރުގެ ހިންގާ ހައުސިން މަޝްރޫއުތައް ކުރިމަތިލުމަށް ތައްޔާރުކޮށްފައިވާ ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް މިހާތަނަށް 3،000 އަށްވުރެ ގިނަ މީހުން ފުލެޓަށް ކުރިމަތިލައިފައެވެ.
މާލޭގެ ރައްޔިތުންނަށް ދޫކުރަން ނިންމާފައިވާ 5000 ގޯތީގެ ތެރެއިން 3000 ގޯއްޗަށާއި 4000 ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ މަހު ވަނީ ހުޅުވާލައިފައެވެ. އެ ފުރުސަތު ހުޅުވާލީ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުންނެވެ.
"ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވަނީ، ގޯތި ދޫކުރަން ނިންމާފައިވާ އެންމެ ކުޑަ ސައިޒަކީ 1،250 އަކަފޫޓް ކަމަށެވެ.
ނަމަވެސް ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ، އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުވާނެ ކަމަށާއި އެގޮތުން އެންމެ ގިނަވެގެން ކުރިމަތިލެވޭނީ ހަތް މީހުންނަށް ކަމަށާއި އެއަށްވުރެ ގިނަ މީހުން ކުރިމަތިލިޔަސް ލިބޭނީ 4،000 އަކަފޫޓުގެ ގޯއްޗެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު