ޚަބަރު

ކުޑަގިރި ހުޅުވުން ފަސްކޮށްފި

މުހައްމަދު އިޝާން

މާލޭ ސަރަހައްދުގެ ރައްޔިތުން ޕިކްނިކް ދާނެ ރަށެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ކ. ކުޑަގިރި ހުޅުވުން ލަސްކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މީގެ ކުރިން ބުނެފައިވަނީ އެރަށް މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަމަވެސް ޕްލޭނިން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ، ކުރިން އެރަށް މާދަމާ ހުޅުވާގޮތަށް ނިންމާފައިވިޔަސް މިހާރު އެ ނިންމުން ބަދަލުކޮށްފައިވާ ކަމަށެވެ. އެއީ އެރަށުގައި ކުރަން ޖެހޭ ބައެއް މަސައްކަތް އަދި ނުނިމު ހުރުމުން ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، ނުނިމި ހުރި މަސައްކަތުގެ ތެރޭގައި އެރަށް ފެހި ކުރުމާއި މިސްކިތުގެ މަސައްކަތުގެ އިތުރުން ބައެއް ފެސިލިޓީސްތަކުގެ މަސައްކަތް ވެސް ހިމެނޭ ކަމަށެވެ. ޕިކްނިކް އައިލެންޑް އަލުން ހުޅުވާނެ ތާރީހެއް އަދި ބުނަން ނޭނގޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މާލޭ ރައްޔިތުން ޕިކްނިކް ދާނެ ރަށެއް ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް ސޯލިހު ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު ކުޑަގިރިއަށް ވަޑައިގެން އެރަށު މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފައެވެ. އަދި ވަނީ އެރަށް ފެހިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ޕްރޮގްރާމެއްގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑުގެ ގޮތުގައި ތަރައްގީ ކުރުމުގެ ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ހަވާލުކުރީ އެމްޓީސީސީއާއެވެ. އެ މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކުރީ 41 މިލިއަން ރުފިޔާއެވެ.

ކުޑަގިރި އަކީ ތިލަފުށީ ކައިރީގައި އޮންނަ ފަޅެކެވެ. އެ ފަޅު އޮންނަނީ ދޯނީގައި 30 ވަރަކަށް މިނެޓުން އަދި ލޯންޗުގައި ދިިހަ ވަރަކަށް މިނެޓުން ދެވޭ ހިސާބުގައެވެ.

އެރަށް ހުޅުވަންވާއިރަށް 150 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ދަނީ ކުރަމުންނެވެ.

ކުޑަގިރީގައި ކަރަންޓް ދިނުމަށް ބޭނުންވާ 3،000 މީޓަރުގެ ކޭބަލް ވަޅުލުމުގެ މަސައްކަތް ސްޓެލްކޯ އިން ވަނީ މިދިޔަ މަހުގެ އަށް ވަނަ ދުވަހު ނިންމާލައިފައެވެ. ކުޑަގިރީގައި ސްޓެލްކޯ އިން އިތުރަށް ކުރަން ޖެހޭ މަސައްކަތަކީ ކަރަންޓް ޑިސްޓްރިބިއުޝަން ފޮށިތައް ބެހެއްޓުމާއި މަގުބައްތިތައް ހަރުކޮށް ކަރަންޓް ގުޅައިދިނުމުގެ މަސައްކަތެވެ. އެ މަސައްކަތް ސްޓެލްކޯއިން މިހާރު ދަނީ ކުރަމުންނެވެ.

ކުޑަގިރީގައި ބޭނުންކުރާ ކަރަންޓުގެ ބޮޑު ޕަސެންޓެއް އިޔާދަކުރަނިވި ހަކަތައިން އުފެއްދުމަށްޓަކައި އެކަމުގެ ދިރާސާތައްވެސް ސްޓެލްކޯއިން ދަނީ ކުރަމުންނެވެ.