މި މަހު ތެރޭގައި ކުރި ވިއްސާރައިގައި ބައެއް ރަށްރަށަށް އުދަ އަރައަރައި ފެން ބޮޑުވުމުގެ ސަބަބުން ނުވަ ރަށެއްގެ 261 ގެއަކަށް ގެއްލުން ލިބިގެން މިހާތަނަށް ހުށަހަޅާފައިވާ ކަމަށް މޯލްޑިވްސް ޑިޒާސްޓާ މެނެޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެ އޮތޯރިޓީން މިއަދު ބުނީ އެ ހުށަހެޅުންތަކަށް ބަލައި އިރު، ގޯތި ގެދޮރާއި ޒަރޫރީ ބޭނުންތަކަށް ބުރޫއަރާފަދަ ގެއްލުންތަކެއް އެ ނުވަ ރަށުގެ 96 ގެއަކަށް ލިބިފައިވާ ކަމަށެވެ. އަދި ގެއްލުން ލިބުނު ރަށްތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަމަލުކުރާ އުސޫލުގެ ތެރެއިން އެހީ ދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.
- ސ. މަރަދޫ 8 ގެ
- ސ. މަރަދޫ ފޭދޫ 20 ގެ
- ށ. ބިލެތް ފަހި 2 ގެ
- ގދ. ރަތަފަންދޫ 8 ގެ
- ތ. ތިމަރަފުށި 61 ގެ
- ގދ. މަޑަވެލި 67 ގެ
- ހދ. ވައިކަރަދޫ 2 ގެ
- ގދ. ފިޔޯރީ 11 ގެ
- ގދ. ހޯޑެއްދޫ 82 ގެ
އެންޑީއެމްއޭ އިން ބުނީ، އެ ހާދިސާގެ ސަބަބުން އެންމެ ބޮޑު ގެއްލުންތަކެއް ލިބިފައިވަނީ ދަނޑުވެރިންނަށް ކަމަށެވެ. އެގޮތުން ހަތަރު ރަށެއްގެ 110 ގޭބިސީއަކުން ބަލަހައްޓާ ދަނޑު ބިންތަކަށް ގެއްލުން ލިބިގެން މިހާތަނަށް ހުށަހަޅާފައިވާ އިރު، އާމްދަނީ ހޯދުމަށް ހައްދާ ބާވަތްތައް ކަމަށްވާ މިރުސް، ފަޅޯ، ބިލެތް ދޮންކެޔޮ، ބަނބުކެޔޮ، އަދި އަނބުގަސް މަރުވެގެން ރިޕޯޓު ކޮށްފައިވާ ކަމަށް ބުންޏެވެ.
ދަނޑުބިންތަކަށް ލިބުނު ގެއްލުންތަކުގެ މައުލޫމާތު ފޮނުވާފައި ވަނީ ގދ. މަޑަވެލި، ހޯޑެއްދޫ، ފިޔޯރީ އަދި ތ. ތިމަރަފުށިންނެވެ. އޭގެ އިތުރުން ވިޔަފާރި އާއި ސަރުކާރު އިމާރާތްތަކާއި އިޖުތިމާއި އިމާރާތް ފަދަ އެހެނިހެން ތަންތަނަށް ގެއްލުން ލިބިގެން ހުށަހަޅާފައިވެއެވެ.
އެންޑީއެމްއޭ އިން ބުނީ، އުދައެރުމުގެ ހާދިސާގައި ހިނގާފައި ވަނީ މި މަހުގެ ފުރަތަމަ ދުވަސްކޮޅު ނަމަވެސް ގެއްލުން ލިބުނު ކަމަށް ރިޕޯޓުކުރި ގިނަ އަދަދެއްގެ ރަށްތަކުން ޑެމޭޖް އެސެސްމެންޓް ފޯމު އަދިވެސް ފޮނުވާފައިނުވާ ކަމަށެވެ.
އެކަން ލަސްވެފައި ވަނީ ބޮޑަށް ގެއްލުން ލިބުނު ރަށްތަކުން އާއްމު ހާލަތަށް ރުޖޫއަވުމަށް މަސައްކަތްކުރަން ޖެހުމާއި ކައުންސިލް އިދާރާތަކުގައި މުވައްޒަފުންގެ ދަތިކަމާއެކު ގިނަ އަދަދެއްގެ ގޭގެއަށް ޒިޔާރަތްކޮށް އެސެސްމެންޓް ހަދަން ވަގުތު ނެގުމާއި އީދު ބަންދުގެ ސަބަބުން ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު