ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މރ. ރޮޖާ މަންސިއެންގެ ދައުވަތަކަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ގައުމަށް މިރޭ ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރައީސް ނަޝީދު ސީޝެލްސްއަށް ކުރައްވާ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު ކަމަށެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މރ. ރޮޖާ މަންސިއެންއާ ބައްދަލުކުރެއްވުމުގެ އިތުރުން ދެ ގައުމުގެ ކުރިއެރުމަށް އެކުއެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބައްލަވައި އެކަންކަމާ މަޝްވަރާކުރައްވާނެ ކަމަށްވެސް ބުންޏެވެ.

އޭގެ އިތުރުން ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން މުސްތަގުބަލުގައި އިތުރަށް ބަދަހިކުރުމާއި ދެ ގައުމުން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއައްސަސާތަކުގެ އެހީގައި ދެ ގައުމުގެ ކުރިއެރުމަށް އިތުރަށް މަސައްކަތްކުރުމުގެ ފުރުސަތުތައް ފަހިކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުންވެސް އެ ދަތުރުފުޅުގައި މަޝްވަރާކުރައްވާނެ ކަމަށް ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ، ރާއްޖެ އާއި ސީޝެލްސްއަކީ ދާދީ އެއްގޮތަކަށް އިންޑިއާ ކަނޑުގައި އުފެދިފައިވާ ދެ ގައުމުކަމާއި އެ ގައުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކަކީވެސް ދާދި އެއްގޮތް ކަންތައްތަކެއް ކަމަށް ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދައުވަތު ސިޓީގައި ފާހަގަކުރައްވާފައިވާ ކަމަށެވެ.