ރާއްޖޭގައި ކުޑަކުދިންނަށް ކޮވިޑް ޖެހޭ މިންވަރު އިތުރުވެ އައިޖީއެމްއެޗްގެ ކުޑަކުދިންގެ ވޯޑު ފުރިފައިވާ ކަމަށް އެ ހޮސްޕިޓަލްގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުޑަކުދިންނަށް ކޮވިޑް ޖެހޭ މިންވަރު އިތުރުވަމުންދާ ނަމަ، ފަރުވާއަށް ހުޅުމާލެ ކޮވިޑް ފެސިލިޓީއަށް ކުޑަކުދިން ފޮނުވަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ނަމަވެސް ކޮވިޑް ޖެހިގެން ފަރުވާ ދެމުންދަނީ ކިތައް ކުދިންނަށް ކަމެއް، އަދި އެކުދިންގެ ހާލާ ގުޅޭ ތަފުސީލެއް ޑޮކްޓަރު ދެއްވާފައެއް ނުވެއެވެ.

ކުޑަކުދިންނަށް ކޮވިޑް ޖެހޭ މިންވަރު އިތުރުވެފައިވާއިރު އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ ފުރަތަމަ ދެ ހަފުތާގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ޖުމުލަކޮށް ދަށަށް ގޮސްފައެވެ.

ތަފާސްހިސާބުތަލަށް ބަލައިއިރު މިދިޔަ މެއި މަހުގެ ތެރޭގައި ހަފުތާއެއްގެ ތެރޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދުތައް ހުރީ އެވްރެޖްކޮށް 100 އިން ދަށުގައެވެ. ޖޫން މަހު އެ އަދަދު ބޮޑުތަނުން އުފުލި ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް ހުރީ ހަފްތާއަކަށް އެވްރެޖްކޮށް ހާހަކަށްވުރެ މަތީގައެވެ.

ނަމަވެސް މި މަސް ފެށުނު ފަހުން އެ ނަންބަރުތައް އަނެއްކާވެސް ދަށަށް ދާން ފަށާފައިވާ އިރު، މި މަހުގެ ފުރަތަމަ ހަފުތާގައި ކޮވިޑު ޖެހިފައިވަނީ 771 މީހަކަށެވެ. އަދި މިމަހުގެ 10-16 އަށް އެ އަދަދު ވަނީ 417 އަށް ދަށްވެފައެވެ. އެ މުއްދަތުގައި އެޑްމިޓުކޮށްގެން ފަރުވާދީފައި ވަނީ 35 މީހަކަށެވެ.

ރާއްޖޭގެ ކޮވިޑުގެ ތަފާސްހިސާބުތަކަށް ބަލައި އިރު މިމަހުގެ 16 ވަނަ ދުވަހާ ހަމައަށް ޖުމުލަ 183،908 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. އަދި ބަލީގައި 307 މީހަކު ވަނީ މަރުވެފައެވެ.