މޮރިޝަސް ކޮމާޝަލް ބޭންކް، މޯލްޑިވްސް (އެމްސީބީ) ގައި ހުޅުވާފައި ހުރި އެކައުންޓުތަކުގެ ތެރެއިން ޑޯމަންޓް އެކައުންޓު (މުއާމަލާތް ނުކުރާ އެކައުންޓް)ތައް އުވާލުމަށް ދޭ އެންމެ ފަހުގެ އިންޒާރު އެ ބޭންކުން ދީފިއެވެ.
އެމްސީބީން އިއްޔެ ގެޒެޓުކުރި އިއުލާނެއްގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 21 ވަނަ ދުވަހުގެ ނިޔަލަށް ވިދިވިދިގެން ފަސް އަހަރު ވަންދެން އެއްވެސް މުއާމަލާތެއް ކޮށްފައިނުވާ އެކައުންޓުތައް އަލުން އެކްޓިވޭޓް ކުރުމަށް ވެރިފަރާތްތަކަށް ސިޓީ ފޮނުވައި ބޭންކަށް ހާޒިރުވާން 45 ދުވަހުގެ މުއްދަތު ދިނުމުންވެސް ހާޒިރުވެފައި ނުވާ ކަމަށެވެ.
އެ މުއްދަތުގައި އެ ފަރާތްތަކުން ބޭންކަށް އެއްވެސް އެންގުމެއްވެސް އަންގާފައިނުވާތީ، އަންނަ މަހުގެ ތިންވަނަ ދުވަހުގެ ކުރިން ބޭންކަށް ހާޒިރު ނުވެއްޖެ ނަމަ ނުވަތަ ބޭންކާ އެއްވެސް މުއާމަލާތެއް ނުކޮށްފިނަމަ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެ އެކައުންޓުތައް އުވާލާނެ ކަމުގެ ފަހު އިންޒާރު ބޭންކުން ވަނީ ދީފައެވެ.
އެމްސީބީގެ ޑޯމަންޓް އެކައުންޓު ލިސްޓުގައި ރާއްޖޭގެ އެންމެ ބޮޑެތި ބައެއް ކުންފުނިތައް ހިމެނޭހެން 175 ފަރާތެއްގެ އެކައުންޓު ވަނީ ހިމަނައިފައެވެ. އޭގެ ތެރޭގައި ތިލަފުށި ކޯޕަރޭޝަން، ޔޮޓް ޓުއާސް މޯލްޑިވްސް، ހެވީލޯޑް މޯލްޑިވްސް، ރެޑްވޭވް، މާލެ އޮޕްޓިކަލްސް، ސޮނީ ހާޑްވެއާ، ވީބީ ބްރަދާސް، ޝީޝާ، ބްރަދާސް މެރިން، ލިލީ އިންޓަނޭޝަނަލް، އެލިއާ އިންވެސްޓްމަންޓް އަދި ވިލާ ޝިޕިން ފަދަ ކުންފުނިތަކުގެ އިތުރުން ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ މަޝްހޫރު އެތައް ރިސޯޓެއްގެ އެކައުންޓުތައް ވެސް ހިމެނެއެވެ. އަދި ބައެއް ރިސޯޓުތަކުގެ ހިއްސާ އޮންނަ ބޭފުޅުންގެ އެކައުންޓުތައްވެސް މި ލިސްޓުގައި ވަނީ ހިމަނައިފައެވެ.
ބޭންކުން ދީފައިވާ މުއްދަތުގައި އެކައުންޓުތައް އެކްޓިވް ނުކޮށްފި ނަމަ، ޑޯމަންޓް އެކައުންޓުތައް އުވާލުމަށްފަހު އެ އެކައުންޓުތަކުގައި ހުރި ފައިސާ ހަވާލުކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށެވެ.
އެކައުންޓުތައް އުވާލައި އޭގައި ހުރި ފައިސާ، އެމްއެމްއޭއާ ހަވާލުކުރުމުން ދެން އެ ފައިސާ ބޭނުން ނަމަ 'ޑޯމަންޓް އެކައުންޓުގައިވާ ފައިސާ ނެގުމަށް އެދި ހުށަހަޅާ ފޯމު' ފުރުމަށްފަހު ހުށަހެޅުމުން އެ ފައިސާ އަނބުރާ ދޭން ޖެހޭނެ ކަމަށް ބޭންކިންއާ ބެހޭ ގާނޫނުގައި ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު