ދުންފަތުގެ އިސްތިއުމާލުކުރުމަށް ހުއްދަ ދީފައިވާ ކެފޭތަކާއި ދުންފަތުގެ ބާވަތްތައް ވިއްކާ ފިހާރަތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފިއެވެ.

އެޗްޕީއޭއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނަށް ކެފޭތަކާއި ފިހާރަތައް ހިންގާ ފަރާތްތައް އަހުލުވެރިކުރުމަށް ހާއްސަ އިންސްޕެކްޝަނެއް މިއަދުން ފެށިގެން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެޗްޕީއޭގެ އިތުރުން ކަމާ ގުޅުންހުރި ދައުލަތުގެ އެހެން ބައެއް އިދާރާތައްވެސް ބައިވެރިވާ، މި އިންސްޕެކްޝަންގެ މަގުސަދަކީ މިހާރު ގަވާއިދާ ހިލާފަށް ހުރި ކަންކަން ދެނެގަނެ، މައުލޫމާތު ދީ، އިސްލާހުކުރުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ދެހާސް ދިހަވަނަ އަހަރު އަމަލުކުރަން ފެށި ދުންފަތް ކޮންޓްރޯލުކުރުމުގެ ގާނޫނުގައިވާ ގޮތުން ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަނެއްގައި ދުންފަތުގެ އިސްތިއުމާލުކޮށްފިނަމަ ދުންފަތުގެ އިސްތިއުމާލު ކުރި މީހަކު 500 ރުފިޔާ އިން ޖޫރިމަނާ ކުރާނެއެވެ.

އެ ގާނޫނުގައިވާ ގޮތުން ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނާ ހިލާފުވެއްޖެނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވިދާނެއެވެ.