ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ދިން ފަތުރުވެރިކަމުގެ ރަން ޔޫބީލް އެވޯޑް ދިރާގަށް ލިބިއްޖެއެވެ.
ފަތުރުވެރިކަމުގެ މައި ޖަމިއްޔާ، މަޓީގެ ފަރާތުން ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވި "50 އިޔާސް އޮފް ޓޫރިޒަމް އެވޯޑްސް ބައި މަޓީ" އިން ދިރާގަށް ދިން އެވޯޑާ ހަވާލުވެލެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިސްމާއިލް ރަޝީދެވެ.
ދިރާގަށް މި އެވޯޑު ލިބިފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހިންގައި ކުރިއެރުމުގައި ޓެލެކޮމިއުނިކޭޝަން އިންފްރާންސްޓްރަކްޗާގެ ދާއިރާއިން އެކުންފުނީގެ ދައުރު ފާހަގަކޮށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ސޯލިހު ޝަރުފުވެރި ކޮށްދެއްވި މި ހަފްލާގައި ރާއްޖޭގައި ޓޫރިޒަމް ފައްޓަވައިދެއްވި ބާނީންނާއި ޓޫރިޒަމް އިންޑަސްޓްރީގެ ފަންނުވެރިންނާއި މުހިންމު ސްޓޭކްހޯލްޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެވޯޑު ދިރާގަށް ލިބުމުން އެކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދު ވަނީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި ދިރާގުގެ ހިއްސާ ފާހަގަކުރުމުން މަޓީއަށް ޝުކުރު އަދާކުރައްވައިފައެވެ.
އިސްމާއިލް ވިދާޅުވީ މި އެވޯޑް ލިބުމަކީ އެކުންފުންޏަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތާއެކު ދިރާގުން އަބަދުވެސް ވަރަށް ގާތް އަދި ވަރުގަދަ ގުޅުމެއް ބަހައްޓާނެ ކަމަށެވެ. އަދި ދިރާގުން ވަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުމުގައި އެ ސިނާއަތާ ގުޅިގެން މުހިއްމު ދައުރެއް އަދާކޮށްފައި ކަމަށް އިސްމާއިލް ވިދާޅުވިއެވެ.
"އެކުގައި އަޅުގަނޑުމެން މިވަނީ ގައުމު ތަރައްގީކުރުމުގައި އަދި އަޅުގަނޑުމެންގެ ރައްޔިތުންނާއި މުޖުތަމައުތަކުގެ ދިރިއުޅުން ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކޮށްފައި،" އޭނާ ވިދާޅުވިއެވެ.
އިސްމާއިލް އިތުރަށް ވިދާޅުވީ ޑިޖިޓަލް ޒަމާނަށް ފެތޭގޮތަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ބަދަލުކުރުމަށް އެކުންފުނިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން ދިރާގުން އެންމެ ފުރަތަމަ ދޭން ފެށި ހިދުމަތުން ފެށިގެން ދާދި ފަހުން ތައާރަފްކުރި 5ޖީ ހިދުމަތްތަކާ ހަމައަށްވެސް އެކުންފުނިން މަސައްކަތް ކުރަމުން އަންނަނީ އެ އަމާޒުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ދިރާގުން ކަނެކްޓިވިޓީގެ ބޭރުން ހުރިހާ ވިޔަފާރި ކަސްޓަމަރުންނަށް ހިދުމަތް ދެމުން އަންނައިރު، ރާއްޖޭގެ ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ޕާޓްނަރަކީވެސް ދިރާގެވެ.
ޚަބަރު
ޚަބަރު
ޚަބަރު