ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް ކ. ދިއްފުށީގައި މީހަކަށް އަނިޔާކުރި މައްސަލައިގައި، އެކަން ހުއްޓުވަން އުޅުނު ފުލުހުންނަށް ހަމަލާދިންކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ފުލުހުންނަށް ހަމަލާދިން މައްސަލައިގެ ތުހުމަތުގައި މިމަހުގެ 14 ވަނަ ދުވަހު 22 އަހަރުގެ ދިވެހި ފިރެހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ބުންޏެވެ.

ދިއްފުއްޓަށް އަނބިމީހާއާއެކު ގޮސް އުޅުނު މީހަކަށް އެ ރަށުގެ ބަޔަކު ހަމަލާދިނީ 14 އަހަރުގެ އަންހެން ކުއްޖަކަށް އޭނާ ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާއަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ހޯދަމުންނެވެ.

އަނިޔާ ލިބުނު މީހާ ބުނި ގޮތުގައި އޭނާއަށް އަނިޔާކުރި އިރު، އެތަނުގައި ފުލުހުންވެސް ތިއްބެވެ. ނަމަވެސް އެކަން ހުއްޓުވަން އެމީހުން މަސައްކަތް ނުކުރާ ކަމަށް ބުންޏެވެ. އެ ތުހުމަތާ ގުޅިގެން ފުލުހުން މިއަދު ބުނީ އެކަމާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ބަލަމުންދާ ކަމަށެވެ.