އޭޝިއާގެ ބޮޑީ ބިލްޑިން އަދި ފިޒިކްސް ސްޕޯޓްސް ޗެމްޕިއަންޝިޕް ރަސްމީ ގޮތުން ފައްޓަވައިދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަވީރު ކ. މާފުއްޓަށް ވަޑައިގެންފިއެވެ.

ރައީސް އެރަށަށް ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ ރާއްޖޭގެ ބޮޑީ ބިލްޑިން އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ހަމީދާއި އޭޝިއާގެ ބޮޑީ ބިލްޑިން ފެޑެރޭޝަންގެ ރައީސް ސިންގަޕޫރުގެ ދާތުކް ޕޯލް ޗުއާއެވެ.

އޭޝިއާގެ ބޮޑީ ބިލްޑިން އަދި ފިޒިކްސް ސްޕޯޓްސް ޗެމްޕިއަންޝިޕް ރަސްމީކޮށް ލޯންޗުކުރުމުގެ ހަފުލާ އޮންނާނީ މާފުށީގައި މޫދަށް އެރޭ ސަރަހައްދުގައި ހަދައިފައިވާ ސްޓޭޖުގަައި މިރޭ 8:30 ގައެވެ.

އެ މުބާރާތް މިރޭ ރަސްމީކޮށް ލޯންޗު ކުރިއަސް، މުބާރާތުގެ ރަސްމީ އިވެންޓްތައް ފަށާނީ މާދަމާ ހަވީރުއެވެ. މުބާރާތުގެ ފިރިހެން ކެޓަގަރީގެ އިވެންޓްތައް ކުރިއަށް ގެންދާނީ މާފުށީގައެވެ. އަންހެން ކެޓަގަރީގެ އިވެންޓްތައް އޮންނާނީ ކްރޮސް ރޯޑްސްގައެވެ.

މުބާރާތް ކުރިއަށް ގެންދާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އޭޝިއާގެ 30 ގައުމަކުން އެތުލީޓުން ވާދަކުރާ މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާނެ ބައިނަލްއަގްވާމީ އެންމެ ބޮޑު މުބާރާތެވެ.