ސްރީ ލަންކާގެ ރައީސްގެ މަގާމުން މިއަދު އިސްތިއުފާ ދެއްވި ގޮޓާބަޔަ ރާޖަޕަކްސާ ގައުމު ދޫކޮށް ވަޑައިގަތުމުގައި ރާއްޖޭން އެހީވުމަކީ ދިވެހި ސަރުކާރުގެ ބުއްދިވެރި ނިންމުމެއް ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތައުރީފްކުރައްވައިފިއެވެ.
ސްރީލަންކާގެ ރައީސް ކަމުގެ މަގާމުން ގޮތަބަޔާ ރާޖަޕަކްސަ އިސްތިއުފާދެއްވާފައިވަނީ މިއަދު ސިންގަޕޫރަށް ވަޑައިގެންނެވުމަށްފަހުއެވެ.
އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދެނާ ހަވާލާދީ ލަންކާގެ ނޫސްތަކުން ދެންމެ ބުނީ މަގާމުން އިސްތިއުފާ ދެއްވައި އެކަމުގެ ލިޔުން ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ފޮނުއްވާފައިވާ ކަމަށެވެ.
ގޮތަބަޔާ އިސްތިއުފާދެއްވިކަން ހާމަކުރައްވައި ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާގެ ހާލަތު ރަނގަޅުވެ، ކުރިއަށް ދެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ގޮތަބަޔާ ލަންކާގައި ހުންނެވިނަމަ އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. އެއީ ލަންކާގައި ހުންނެވި ނަމަ ފުރާނައަށް ނުރައްކާވެދާނެ ކަމުގެ ބިރަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އެ ހާލަތުގައި ދިވެހި ސަރުކާރުން ނިންމި ބުއްދިވެރި ނިންމުމަށް ތައުރީފް ކުރަން،" ނަޝީދު ވިދާޅުވިއެވެ.
ލަންކާގެ ރައީސްގެ މަގާމުން ގޮތަބަޔާ އިއްޔެ އިސްތިއުފާ ދެއްވާނެ ކަމަށް ކުރިން އިއުލާން ކުރެއްވި ނަމަވެސް ފަހުން އިސްތިއުފާދެއްވައިފައެއް ނުވެއެވެ. އޭގެ ބަދަލުގައި ލަންކާގެ ވަގުތީ ރައީސްގެ މަގާމަށް ގޮތަބަޔާ ވަނީ ބޮޑުވަޒީރުގެ މަގާމު ފުރުއްވަމުން ގެންދަވާ ރަނިލް ވިކްރަމަސިންހަ ހަމަޖައްސަވައިފައެވެ.
ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދެނާ މިއަދު ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް ދެން ބޭއްވޭނީ ރައީސްކަމުގެ މަގާމުން ގޮޓަބަޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްވާ އެކަމުގެ ލިޔުން ލިބިވަޑައިގަތުމުން ކަމަށެވެ. އަދި ލިޔުން ލިބިވަޑައިނުގަތުމުން ގާނޫނުގައިވާ ގޮތަށް ކުރިއަށް ދިއުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
ގޮތަބަޔާ އާއި އަނބިކަނބަލުން އަދި ދެ ބޮޑީގާޑުން ލަންކާގެ އެއާފޯސް މަތިންދާބޯޓެއްގައި ރާއްޖެ ވަޑައިގަންނެވީ އިއްޔެރޭ ދަންވަރުގެ ވަގުތެއްގައެވެ.
ގޮތަބަޔާ ރާއްޖެއިން ފުރާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންފައިވަނީ ސައުދީ ބޯޓެއްގައެވެ.
އެގައުމުގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ގޮތަބަޔާ އެ ގައުމަށް އެތެރެވަފައި ވަނީ އަމިއްލަ ދަތުރުފުޅެއްގައި ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ އެމަނިކުފާނު އެގައުމުގެ ހިމާޔަތަށް އެދިވަޑައިގެންފައިނުވާ ކަމަށާއި އެގައުމަކީ އެއްވެސް ފަރާތަކަށް ހިމާޔަތްދޭ ގައުމެއް ނޫން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު