އަމިއްލަ ގައުމު ދޫކޮށް ސްރީލްނަކްގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމާ ގުޅިގެން އެކަމާ ދެކޮޅަށް މާލޭގައި އިއްޔެ ލަންކާ މީހުން ބޭއްވި މުޒާހަރާގައި ހައްޔަރު ކުރި މީހާ ޝަރުތު ތަކަކާއެކު ދޫކޮށްލައިފިއެވެ.
ފުލުހުން މިއަދު ބުނީ އިއްޔެ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި، އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ލަންކާ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރުތު ކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަލިމަސް ކާނިވާ ސަރަހައްދު ކައިރިން ޕެޓްރޯލް ޝެޑް ކުރިމައްޗަށް ކަހަލަ ގޮތަކަށް ގިނަ އަދަދެއްގެ މީހުން އެއްވެގެން މުޒާހަރާ ފެށީ އިއްޔެ މެންދުރުފަހު 3:30 އެހާކަންހާއިރެވެ. އެތަނަށް އެއްވި މީހުން ތިބީ ގޮތަބަޔާ އިސްތިއުފާ ދިނުމަށްފަހު ގެއަށް ދިއުމަށާއި އެފަދަ އަނިޔާވެރިންނަށް ދިވެހި ސަރުކާރުން ހިމާޔަތް ނުދިނުމަށް ދިވެހި ރައްޔިތުން ބާރުއަޅައި ދިނުމަށް ޖަހާފައިވާ ބެނާތަކާއި ޕޯސްޓަރުތައް ހިފައިގެންނެވެ.
ސުލްހަވެރިކަމާއެކު އެ މުޒާހަރާ ކުރަމުން ދަނިކޮށް ފުލުހުން ވަނީ އެތަނަށް އައިސް އެ މީހުން ހިފައިގެން ތިބި ލަންކާގެ ދިދަތަކާއި ބެނާތައް އަތުލައިފައެވެ. އަދި އެތަނުން މީހުން ފޮނުވާލިއެވެ.
އެ ސަރަހައްދުގައި އެއިރު ހުރި "ވަން"ގެ ނޫސްވެރިޔާ ރިޕޯޓްކުރި ގޮތުގައި، މުޒާހަރާ ހުއްޓުވީ ލަންކާ މީހުންގެ ފަހަތުގައި ބައެއް ދިވެހިން ތިބެގެން އަޑުގަދަކޮށް ހެދުމުންނެވެ. އަދި އެމީހުން ގޮވަމުން ދިޔައީ މިފަހުން ފެންމަތިވި އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކުގައި ޝާމިލުވާ މީހުން ހައްޔަރު ކުރުމަށާއި އެކަމުގައި ފުލުހުންވެސް ބައިވެރިވާ ކަމަށް ބުނެ ކަމަށެވެ.
ޚަބަރު
ޚަބަރު