ސްރީ ލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ ފިއްލަވައިގެން ރާއްޖެ ވަޑައިގެން، ދިވެހި ސަރުކާރުގެ ހިމާޔަތް ހޯދާފައިވާތީ އެކަމާ ދެކޮޅަށް ރާއްޖޭގައި ދިރިއުޅޭ ލަންކާގެ މީހުން ކުރި މުޒާހަރާ ދިވެހި ފުލުހުން ނުކުމެ ރޫޅާލައިފިއެވެ.

އަލިމަސް ކާނިވާ ސަރަހައްދު ކައިރިން ޕެޓްރޯލް ޝެޑް ކުރިމައްޗަށް ކަހަލަ ގޮތަކަށް ގިނަ އަދަދެއްގެ މީހުން އެއްވެގެން މުޒާހަރާ ފެށީ މެންދުރުފަހު 3:30 އެހާކަންހާއިރެވެ. އެތަނަށް އެއްވި މީހުން ތިބީ ގޮތަބަޔާ އިސްތިއުފާ ދިނުމަށްފަހު ގެއަށް ދިއުމަށާއި އެފަދަ އަނިޔާވެރިންނަށް ދިވެހި ސަރުކާރުން ހިމާޔަތް ނުދިނުމަށް ދިވެހި ރައްޔިތުން ބާރުއަޅައި ދިނުމަށް ޖަހާފައިވާ ބެނާތަކާއި ޕޯސްޓަރުތައް ހިފައިގެންނެވެ.

ސުލްހަވެރިކަމާއެކު އެ މުޒާހަރާ ކުރަމުން ދަނިކޮށް ފުލުހުން ވަނީ އެތަނަށް އައިސް އެ މީހުން ހިފައިގެން ތިބި ލަންކާގެ ދިދަތަކާއި ބެނާތައް އަތުލައިފައެވެ. އަދި އެތަނުން މީހުން ފޮނުވާލިއެވެ.

އެ ސަރަހައްދުގައި އޭރު ހުރި "ވަން"ގެ ނޫސްވެރިޔާ ރިޕޯޓްކުރި ގޮތުގައި، މުޒާހަރާ ހުއްޓުވީ ލަންކާ މީހުންގެ ފަހަތުގައި ބައެއް ދިވެހިން ތިބެގެން އަޑުގަދަކޮށް ހެދުމުންނެވެ. އަދި އެމީހުން ގޮވަމުން ދިޔައީ މިފަހުން ފެންމަތިވި އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކުގައި ޝާމިލުވާ މީހުން ހައްޔަރުކުރުމަށާއި އެކަމުގައި ފުލުހުންވެސް ބައިވެރިވާ ކަމަށް ބުނެ ކަމަށް ބުންޏެވެ.

ގޮތަބަޔާ ރޭ ދަންވަރު އެ ގައުމުގެ އަސްކަރީ މަތިންދާބޯޓެއްގައި ރާއްޖެ ވަޑައިގެން މިހާރު ހުންނެވީ މާލެ ކައިރި ރިސޯޓެއްގައެވެ. އަދި މިރޭގެ ވަގުތެއްގައި ސިންގަޕޫރަށް ފުރާވަޑައިގަންނަވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.