ސްރީ ލަންކާގެ ރައީސް ގޮތަބަަޔާ ރާޖަޕަކްސަ ރޭ ދަންވަރުގެ ވަގުތެއްގައި އެ ގައުމުން ފިއްލަވައި، ރާއްޖެއަށް ވަޑައިގެންފި އެވެ.

ލަންކާގެ އިމިގްރޭޝަންގެ ބައެއް އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީން އެކަން ކަށަވަރު ކޮށްދެއެވެ. ކުޑަ އަސްކަރީ މަތިންދާބޯޓެއްގައި ގޮތަބަޔާ ރޭ މެންދަމު ރާއްޖެ ވަޑައިގަންނަވާތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސަލާމަތީ ފިޔަވަޅުތައް މެންދަމުގެ ވަގުތުގައި ވަރަށް ބޮޑަށް ވަރުގަދަވެސް ކުރިއެވެ.

ސީއެންއެންއެން އިން ލަންކާގެ އިސް ސެކިއުރިޓީ އޮފިޝަލަކާ ހަވާލާދީ ބުނިގޮތުގައި ރާއްޖޭގެ އެއާޓްރެފިކް ކޮންޓްރޯލުން، ބޯޓު ޖެއްސުމުގެ ހުއްދަ އެންމެ ފުރަތަމަ ނުދިނެވެ. ނަމަވެސް އެ ހުއްދަ ހޯއްދެވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެ ކަމުގެ ތެރެއަށް ވަންނަވައިގެން ކަމަށް ބުނެފައިވެއެވެ. އެކަމާ ގުޅޭ ގޮތުން ނަޝީދުގެ ބަހެއް ހޯދަން ރައީސް ނަޝީދަށް ގުޅާފައިވާ ކަމަށްވެސް ސީއެންއެންގައި ބުނެފައިވެ އެވެ.

މިއިން އެއްވެސް ކަމަކާ ބެހޭ ގޮތުން ރާއްޖޭގެ ރަސްމީ އިދާރާތަކުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ފޮރިން މިނިސްޓްރީން ބުނީ، އެކަމާ ގުޅޭ ގޮތުން މިވަގުތު އެއްޗެއް ބުނަން ނެތް ކަމަށެވެ.

ގޮތަބަޔާ، 73، ރާއްޖެ ވަޑައިގެންފައި މިވަނީ މިއަދުގެ ވަގުތެއްގައި އިސްތިއުފާ ދެއްވާނެ ކަމަށް މީގެ ތިން ދުވަސް ކުރިން އެމަނިކުފާނު އިއުލާން ކުރައްވާފައި ވަނިކޮށެވެ. ނަމަވެސް ލަންކާގެ ރައީސް މަގާމުގައި ހުންނަވަނިކޮށް ހައްޔަރު ކުރުން ގާނޫނު އަސާސީ ހުއްދައެއް ނުދެއެވެ.