ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކުން އަރައިގަތުމަށް ހަރުދަނާ، ތަޖުރިބާ ހުރި ވެރިޔަކު މިވަގުތަށް ވަރަށް މުހިންމު ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ލަންކާގެ ހާލަތު ބޮއްސުންލައިގެން ގޮސް، އެގައުމުގެ ރައްޔިތުން އިއްޔެ މަގުތަކަށް ނުކުމެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަގެ ރަސްމީ ގެކޮޅު ރައްޔިތުންގެ ބާރުގެ ދަށަށް ގެންދިއުމާ ގުޅިގެން ލަންކާގެ ރައީސް އާއި ބޮޑުވަޒީރު މަގާމުން އިސްތިއުފާދެއްވުމަށް ނިންމެވުމާ ގުޅިގެންނެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލަންކާއަށް މިވަގުތަކީ ގޮންޖެހުން ބޮޑު ވަގުތެއް ކަމަށެވެ. އެހެންވެ ލަންކާއަށް މިވަގުތު އެންމެ މުހިންމީ ހަރުދަނާ، ތަޖުރިބާ ހުރި ގާބިލު ވެރިއެއް ކަމަށެވެ.

"ސްރީލަންކާގެ ހާލަތު ރަނގަޅު ކުރުމަށް އެގައުމުގެ ރައްޔިތުން އުންމީދީ ކުރިމަގެއް ހޯދާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ލަންކާގެ އިގުތިސޯދު ހާލަތު ގޯސްވުމުގެ ސަބަބުން އެގައުމުގެ 22 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ޒާރޫރީ ބޭނުންތަކަށް ޖެހިފައެވެ. އެގޮތުން ކާބޯތަކެއްޗާއި ތެޔޮ އަދި ބޭސް ގަންނާނެ ފައިސާ އެމީހުންގެ އަތުން ވަނީ ހުސްވެފައެވެ. ލަންކާގެ އިންފްލޭޝަން ވެސް ކުރިން ނުދާހާ މިންވަރަށް މިހާރު ވަނީ މައްޗަށް ގޮސްފައެވެ. އަދި އިގުތިސާދީ ހާލަތު ގޯސްވުމުން ތަކެތީގެ އަގަށް އައި ބަދަލާއެކު ޕެޓްރޯލާއި ޑީސެލްގެ އަގު ވެސް ވަނީ ބޮޑުތަނުން މައްޗަށް ގޮސްފައެވެ.

ލަންކާގެ އިގުތިސާދީ ހާލަތު ދަށްވެ އާންމުން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާތާ އެތައް ދުވަހެއް ވަނީ ވެފައެވެ. މުޒާހަރާކުރާ މީހުންނާ ދެކޮޅަށް ސަރުކާރުގެ ސަޕޯޓަރުން ނުކުމެ ކުރިމަތިލުމަކަށް ދިއުމުން މަސްރަހު ހޫނުވެ ލަންކާގެ އެކި ހިސާބުތަކުގައި ތަޅާފޮޅައި، ތަންތަނުގައި ދަނީ ހުޅުޖަހަމުންނެވެ.

ލަންކާ ބަނގުރޫޓުވެފައިވާތީ، ރައީސް ނަޝީދު ވަނީ އަމިއްލަފުޅަށް އެދިވަޑައިގެން ލަންކާއަށް ބޭރުގެ މާލީ އެހީ ހޯދުމުގެ މަސައްކަތްތައް ކުރެއްވުމަށް މެދުވެރިއެއްގެ ދައުރު އަދާކުރައްވާ މަންދޫބަކަށް ވެވަޑައިގެންފައެވެ. ނަމަވެސް ރައީސް ނަޝީދުގެ މަސައްކަތުން ލަންކާއަށް މާލީ އެހީއެއް ހޯދިފައެއް ނުވެއެވެ.