ކޮވިޑް-19 ގައި މިއަދު މާލެ އިން ދެ މީހަކު މަރުވެ، ރާއްޖެއިން އެ ބަލީގައި މަރުވި މީހުންގެ އަދަދު 308 އަށް އަރައިފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން މިއަދު ފުރަތަމަ މަރުވީ 80 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ މަރުވެފައި ވަނީ ހުޅުމާލެ އޮރެންޖް ހިޔާ ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ. އަދި މިއަދު ދެވަނައަށް މަރުވީވެސް އަންހެނެކެވެ. 73 އަހަރުގެ އެ މީހާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރުގެ ވަގުތެއްގައެވެ.

މި ދެ މަރާއެކު ކޮވިޑު ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 308 އަށް އަރައިފައެވެ. އެއީ 289 ދިވެހީންނާއި 19 ބިދޭސީންނެެވެ.

ރާއްޖެއިން ކޮވިޑުގެ ފުރަތަމަ ކޭސް ފެނުމާ ގުޅިގެން 2020 ވަނަ އަހަރު އިއުލާންކުރި ސިއްހީ ކުއްލި ހާލަތު ވަނީ މިއަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު އުވާލައިފައެވެ.