ބ. ހިތާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ހުރި އެއްގަމުތޮށި މަރާމާތުކުރުމުގެ 53 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުނި، އެމްޓީސީސީން މިއަދު ބުނެފިއެވެ.

ޖުމުލަ 17.07 މިލިއަން ރުފިޔާގެ މި މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ ނޮވެމްބަރު 8، 2021ގަ އެވެ. މަޝްރޫއު ނިންމަން އެއްބަސްވެފައި ވަނީ 540 ދުވަހުގެ ތެރޭގައެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށި އެ މަޝްރޫއުގެ ދަށުން 19،030 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 495 މީޓަރުގެ ބޭރުތޮއްޓަކާއި 22 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 350 މީޓަރުގެ އެއްގަމުތޮއްޓަކާއި ރޭމްޕެއް ހެދުމާއި 1،750 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި އާއި ނެރުބައްތި ހަރުކުރުން ހިމެނެއެވެ.