މާލޭ ވިޔަފާރި ބަނދަރުގައި ހުރި ކޮންޓޭނަރަކުން ކެމިކަލް ލީކުވެގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔުއިން ހަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 10:58 ހާއިރު ކަމަށެވެ. އަދި އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ފަޔާ އެންޑް ރެސްކިއުގެ ސިފައިން އެ ސަރަހައްދަށް ގޮސް ކޮންޓެއިނަރު ސާފުކުރުމުގެ މަސައްކަތް ފެށި ކަމަށް ބުންޏެވެ.

ކެމިކަލް ލީކުވީ 48 ފޫޓުގެ ކޮންޓޭނަރަކުން ކަމަށާއި އެކަން ފާހަގަވީ އެ ކޮންޓެއިނަރުން ދުން އަރަން ފެށުމުން އެ ސަރަހައްދު ބެލިބެލުމުން ކަމަށްވެސް ބުންޏެވެ. އަދި އެ ކޮންޓޭނަރުން ލީކުވީ އޭގެ ތެރޭގައި ހުރި ހައިޑްރޮޖަން ޕެރޮސައިޑް ހަންތަކަކުން ކަމަށް ބުންޏެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ކޮންޓެއިނަރަކުން ކެމިކަލްތަކެއް ލީކުވެފައިވާއިރު އެމްޕީއެލް ސަރަހައްދުގައި، ހަންތަކެއްގައި ބަންދުކޮށްފައި ހުރި ކެމިކަލްތަކެއް ލީކުވުމުގެ ހާދިސާއެއް މިދިޔަ އޭޕްރީލް މަހުވެސް ހިނގާފައިވެއެވެ.