ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށްދަނިކޮށް އެތަނަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލްގެ ބަންދު ތިން ވަނަ ފަހަރަށް އިތުރުކޮށްފިއެވެ.
މުހައްމަދު އިސްމާއީލް ހައްޔަރުކުރީ ކާނިވާގެ ކެފާއެއްގައި ސައިބޯން އިންދާ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
އޭނާގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް ފުރަތަމަ ދިނީ ފަސް ދުވަހެވެ. ދެވަނަ ފަހަރަށް ޖެހީ ނުވަ ދުވަހެވެ. އެ މުއްދަތު ހަމަވުމުން އިއްޔެ ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ 30 ދުވަސް ޖަހައިފައެވެ.
މުހައްމަދު އިސްމާއީލަކީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހަރަކާތު ކޮމިޓީގެ މުގައްރިރެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ފެއްޓެވި، "އިންޑިއާ އައުޓް" ހަރަކާތް ރާވާ ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ މީހަކީވެސް އޭނާއެވެ.
ޔޯގާ ހަރަކާތް ހުއްޓުވުމުގައިވެސް މުހައްމަދުގެ ދައުރެއް އޮތް ކަމަށް ތުހުމަތުކުރާއިރު، ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި މީހުން ބޭނުންކުރި ދިދަތަކަކީ ޕީޕީއެމުގެ އޮފީހުން ނެރުނު ދިދަތަކެއް ކަމަށް ފުލުހުން ބުނެއެވެ.
މުހައްމަދު އިސްމާއިލްގެ އިތުރުން އެ ހަމަނުޖެހުމާ ގުޅިގެން ޝައިހް އާދަމް ނިޝާނާއި ޝައިހް ފަޒްލޫން މުހައްމަދުގެ އިތުރުން އިތުރުންވެސް ގިނަ ބަޔަކު ތިބީ ހައްޔަރުގައެވެ. މީގެ ތެރެއިން ބައެއް މީހުންގެ ބަންދަށް ދެ މަސް ދުވަސްވެސް ޖަހާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު