އޮގަސްޓް މަހު އެވިޑް ކޮލެޖުން ފެށުމަށް ހަމަޖައްސާފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެވިޑު ކޮލެޖުން މިއަދު ބުނީ، މިއަހަރުގެ އޮގަސްޓް މަހު އެވިޑް ކޮލެޖުން ހިންގުމަށް ހަމަޖައްސާފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިދެއްވީ އެ ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދު ކަމަށެވެ.

އެވިޑު ކޮލެޖުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުސްތާގު ވިދާޅުވީ، "މިފަހަރު ކިޔަވާނީ އެވިޑުން" ޝިއާރުގެ ދަށުން އެވިޑް ކޮލެޖްގެ މާލޭ ކެމްޕަހާއި ގދ. ތިނަދޫ ކެމްޕަހުގައި ތަފާތު އަށް ދާއިރާއަކުން 80 އަށްވުރެ ގިނަކޯސް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ އެޑިޔުކޭޝަން، ބިޒްނަސް މެނޭޖްމެންޓް، ސައިކޮލޮޖީ، ކައުންސެލިން، ޝަރީއާ އެންޑް ލޯ، އިންފޮރމޭޝަން ޓެކްނޮލޮޖީ، ލޭންގްއޭޖް އަދި ޓްރެވެލް އެންޑް ޓުއަރިޒަމް ހިމެނެއެވެ.

މުސްތާގު ވިދާޅުވީ، އެ ޕްރޮގްރާމްތަކުގެ ތެރޭގައި އެވިޑް ކޮލެޖްގައި އާންމުކޮށް ހިންގަމުންގެންދާ އެކޮލެޖްގެ އަމިއްލަ ކޯސްތަކުގެ އިތުރުން އިންޓަނޭޝަނަލް ޕްރޮގްރާމްތައްވެސް ހިމެނޭ ކަމަށެވެ.

އެވިޑް ކޮލެޖުން މިފަހަރު ފަށާ އިންޓަނޭޝަނަލް ކޯސްތަކުގެ ތެރޭގައި އަޔާޓާ، އޭސީސީއޭ އަދި ޕްރޮޖެކްޓް މެނޭޖްމެންޓް އިންސްޓިޓިއުޓްގެ ކޯސްތައް ހިމެނެއެވެ.

އެވިޑް ކޮލެޖުން ހިންގާ އަޔާޓާގެ ޕްރޮގްރާމްތަކުގެ ތެރޭގައި ފައުންޑޭޝަން އިން ޓްރެވެލް އެންޑް ޓުއަރިޒަމް، މެނޭޖިން ދަ ޓްރަވަލް ބިޒްނަސް، ސޯޝަލް މީޑިއާ ސްޓްރެޓެޖީ ފޯ ދަ ޓްރެވެލް އިންޑަސްޓްރީ އީ ލާނިން، ޓްރެވެލް އެންޑް ޓުއަރިޒަމް ކޮންސަލްޓެންޓް، އެސިސްޓިން ޓްރެވެލާސް ވިތު ސްޕެޝަލް ނީޑްސް، އީ ކޮމާސް އިން ދަ ޓްރެވެލް އިންޑަސްޓްރީ ކޯސް ހިމެނެއެވެ. އޭސީސީއޭ ޕްރޮގްރާމްތަކުގެ ތެރޭގައި ނޮލެޖް ލެވެލް، ސްކިލްސް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލް ހިމެނެއެވެ.

ޕްރޮޖެކްޓް މެނޭޖްމެންޓްގެ ދާއިރާއިން މަޝްހޫރު އިންސްޓިޓިއުޓްއެއް ކަމުގައިވާ އެމެރިކާގެ ޕްރޮޖެކްޓް މެނޭޖެމެންޓް އިންސްޓިޓިއުޓުން ހިންގާ "ޕްރޮޖެކްޓް މެނޭޖްމެންޓް ޕްރޮފެޝަނަލް (ޕީއެމްޕީ)" އާއި ސަޓިފައިޑް އެސޯސިއޭޓް އިން ޕްރޮޖެކްޓް މެނޭޖްމެންޓް (ސީއޭޕީއެމް) ވެސް ހިމެނެއެވެ.

އެވިޑް ކޮލެޖްގެ އޮގަސްޓް އިންޓޭކްގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހެވެ. ކޯސްތަކުގައި ބައިވެރިވުމަށް އެވިޑް ކޮލެޖްގެ ވެބްސައިޓުން އޮންލައިންކޮށް އެޕްލައިކުރެވޭނެއެވެ.