ވިލިމާލޭ ޕާކެއްގެ ތެރޭގައި ގުރޫޕަކުން ހަމަލާދީ ނ. މާޅެންދޫ/ ވައިޓް ހައުސް، އަހުމަދު މިރުޒާ މަރާލިކަން ސާބިތުވެ މަރަން ހުކުމްކޮށްފައިވާ ވ. ފަޒީލާމަންޒިލް/ މުހައްމަދު ޝިފާއުއަށް މިރުޒާގެ ބައްޕަ މިއަދު މައާފު ދީފިއެވެ.
މިރުޒާ މަރާލީ 2011 ގައި ވިލިމާލޭ ޕާކު ތެރޭގައި އޭނާގެ ބޮލުގައި ލަކުޑިބުރިއަކުން ޖަހައިގެންނެވެ. މިރުޒާ މަރުވީ މި ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށެވެ.
އޭނާ މަރާލިކަން ސާބިތުވެ، މުހައްމަދު ޝިފާއުގެ އިތުރުން އަބްދުﷲ ނަޒީފް މަރަން އޮތީ ހުކުމްކޮށްފައެވެ. އެ މައްސަލައިގައި ދެން ދައުވާ ލިބުނު ގދ. ގައްދޫ/ ބޮކަރުގޭ، އަލީ ރިފްޝާންގެ މައްޗަށް ކުށް ސާބިތެއް ނުވިއެވެ. ނަޒީފަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުންވެސް ވަނީ ތާއީދުކޮށްފައެވެ.
މިރުޒާ މަރާލިކަން ސާބިތުވެފައިވާ މީހުންނަށް މައާފުދީ އޭނާގެ ބައްޕަ އިބްރާހިމް ހަސަން ސުޕްރީމް ކޯޓަށް ވަނީ ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގައި ބުނެފައި ވަނީ މިރުޒާގެ ގާތިލުންގެ ކިބައިން މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށެވެ.
ޝިފާއުގެ މައްސަލައިގައި މިއަދު ހައިކޯޓު ބޭއްވި ޝަރީއަތުގައި އެ ސިޓީއާ ގުޅިގެން މިރުޖާގެ ބައްޕަ ވަނީ އެ މައްސަލައިގައި ހިމެނޭ މީހުންނަށް މައާފު ދީފައިވާނެ ކަމަށް ބުނެފައެވެ. އަދި މައާފު ދިނީ ބިރުދައްކައިގެން ނޫން ކަމަށްވެސް ބުންޏެވެ.
މިރުޖާގެ ބައްޕަ ވަނީ ގާތިލުންގެ ކިބައިން މަރުގެ ދިޔަ ނަގައިދިނުމަށް ކުރިން އެދުނު ނަމަވެސް، އެކަންވެސް ބޭނުން ނުވާ ކަމަށް މިއަދު ބުނެފައެވެ.
މަރަށް މަރު ހިފޭނީ މަރުވި މީހާގެ ހުރިހާ ވާރިސުން އެގޮތަށް އެދޭ ނަމައެވެ. އެންމެ ވާރިސަކު ނަމަވެސް ގިސޯސް ހިފަން ބޭނުން ނުވެއްޖެ ނަމަ، މަރުގެ އަދަބެއް ނުދެވޭނެއެވެ. މިރުޒާ މަރާލި އިރު، އޭނާގެ ވާރިސުންނަށް ތިބީ މައިންބަފައިން އެކަންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު