ދުނިޔެ

މެކްސިކޯގެ ސަހަރެއްގެ މޭޔަރު ކިނބުލަކާ ކައިވެނިކޮށްފި

މެކްސިކޯގެ ކުޑަވަރެއްގެ ސަހަރެއްގެ މޭޔަރު ރަމްޒީގޮތެއްގައި ކިނުބަލަކާ ކައިވެނިކޮށްފިއެވެ. ސެން ޕެޑްރޯ ހުމެލޭލާއޭ ކިޔުނު ސަހަރުގެ މޭޔަރު މި ކައިވެންޏެއް ކުރީ ކެމްޕޭނު ވައުދެއް ފުއްދުމަށާއި އެހިސާބުގެ އިހުގެ އާދަތަކަށް އިހުތިރާމް ކުރުމުގެ ގޮތުންނެވެ.

މެދުއުމުރުގެ މޭޔަރުގެ ނަމަކީ ވިކްޓަރ ހޫގޯ ސޯޒާއެވެ. މިދިޔަ ބުރާސްފަތި ދުވަހު މި ކައިވެނީގެ ރަސްމިއްޔާތު ބޭއްވުނީ އެތައް ސަތޭކަ ބައެއްގެ ހާޒިރުގައި ވަރަށްވެސް ކުލަގަދަ ރަސްމިއްޔާތެއްގައެވެ. ކައިވެނިކޮށް ނިމުމުން ކިނބުލުގެ މޫނަށް ދޮނެއްދޭން ޖެހުނުއިރު ދަތްއަޅައިފާނެތީ ކިނބުލުގެ ދެތަލި ދުރުނުކުރެވޭނޭ ބީދަޔަކުން އޮތީ ބަނދެފައެވެ.

މި ސަހަރަކީ މެކްސިކޯގެ ހުޅަނގު ދެކުނުން ޕެސިފިކް ކަނޑުގެ އައްސޭރީގައިވާ މަސްވެރި ސަހަރެކެވެ. އެތާގައި ގިނައީ ރެޑް އިންޑިޔަން ވައްތަރުގެ މީހުންނެވެ. މަސްވެރިކަން ތިޔާގިވުމަށާއި ވާރޭވެހި ދަނޑުބިންތަކަށް ތާޒާކަމާއި އާރޯކަން ލިބުން އެދިގެން ވަރަށް ކުރީއްސުރެވެސް މިހިސާބުގެ މީހުން މިބާވަތުގެ ކަންކަން ކޮށްއުޅެއެވެ. އެއަށްވެސް ކިޔަނީ ސަގާފަތެވެ.

މި ކައިވެނި ކުރެވުނު ކިނބުލުގެ އުމުރަކީ ހަތް އަހަރެވެ. އޭތި އޮތީ ކައިވެނީގެ އަރޫޝާއެއްހެން ޒީނަތްތެރިކޮށް ހުދު ހެދުމެއްވެސް ލަވައި ފޮނިތޮށީގެ ސެންޓުވެސް އުނގުޅައިފައެވެ. މިހިސާބުގަނޑުގެ މީހުން ގަބޫލުކުރާ ގޮތުގައި ކިނބުލަކީ ބިމާއި ކަނޑުތަކުގެ ކަލާނގެ ރަމްޒުކުރާ އެއްޗެކެވެ. އެފަދަ އެއްޗަކާއި މުޖުތަމައުގެ އިސް މީހަކު ކައިވެނި ކުރުމަކީ ރޫހާނިއްޔަތާއި އިންސާނިއްޔަތު ގުޅުވައިދޭނެ ކަމެކެވެ.

ކިނބުލާއި ކުކުޅާއި ބާޒާއި މިޔަރުފަދަ ތަކެއްޗާއި ކައިވެނިކުރުމަކީ ސަގާފަތު ތަންދޭ ކަމަކަށް ވިޔަސް އެފަދަ ކައިވެނިތަކަށް ގާނޫނީ ހައިސިއްޔަތު ލިބޭނެ އުސޫލެއް ނޯވެއެވެ. އެހެންވީމާ ސެން ޕެޑްރޯ ސިޓީގެ މަހާރެހެންދި ކަމަށްވެގެން އުޅުމުގެ ފުރުސަތު މި ކިނބުލަކަށް ނުލިބޭނެއެވެ. އަދި އެވޭލާ ގަބީލާތަކަށް ނިސްބަތްވާ މީހުން ފިޔަވައި އެހެން ބަޔަކު މިޒާތުގެ ކަންކަމަށް ތަރުހީބެއްވެސް ނުދެއެވެ.