މޫސުންގޯސްވެ އުދައަރާތީ ގދ. މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ އަނެއްކާވެސް ކަނޑާލައިފިއެވެ.

މަޑަވެލި ކައުންސިލް މެމްބަރު އަޒްހަރު އަބްދުﷲ މިއަދު "ވަން" އަށް ވިދާޅުވީ ދެރަށް ގުޅާލުމަށް އަޅާފައިވާ ކޯޒްވޭގެ މަޑަވެއްޔާ ދިމާލުން ކަނޑާލާފައިވާ ކަމަށާއި އެކަން ކުރީ ކޮން ބައެއްކަން އަދި ނޭނގެ ކަމަށެވެ. އަދި ކަނޑާލާފައިވަނީ ކޯޒްވޭގެ މެދުން އުދަލި ފަދަ ސާމާނު ބޭނުންކޮށްގެން ކަމަށް ބެލެވޭ ކަމަށާއި ކޯޒްވޭ ކަނޑާލި ނަމަވެސް އަދިވެސް އެތަނުން ދަތުރުފަތުރު ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރޭގެ ވަގުތެއްގެ ބަޔަކު ކުރިކަމެއް. ހޯޑެއްދޫއާ ވީ ފަޅިން ކަނޑާލައިފައި ހުރީ، އެކަމަކު އެހާ ބޮޑަކަށް ނޫން. އަދިވެސް ސައިކަލުތަކުގައި ދަތުރުކުރެވޭ ކޯޒްވޭ އިން،" އޭނާ ވިދާޅުވިއެވެ.

ކޯޒްވޭގެ ސަބަބުން ހޯޑެއްދުއަށް ރާޅު އަރައި ގެއްލުންވަމުންދާ ކަމަށް ބުނެ މީގެ ކުރިންވެސް ދެ ފަހަރެއްގެމަތިން ވަނީ މި ކޯޒްވޭ ކަނޑާލައިފައެވެ. ފުރަތަމަ ކަނޑާލީ 2018 ވަނަ އަހަރުއެވެ. ދެވަނަ ފަހަރަށް ކޯޒްވޭ ކަނޑާލީ މިދިޔަ އަހަރު އޮގަސްޓް މަހުއެވެ. އެ ދެފަހަރު ވެސް އެ ކޯޒްވޭ ކަނޑާލާފައި ވަނީ ރަށު ރައްޔިތުންގެ ތެރެއިން ބަޔަކުނުކުމެއެވެ.

މުޅި ރާއްޖެއަށް ކުރަމުންގެންދާ ވިއްސާރައިގެ ސަބަބުން މޫސުން ގޯސްވެ މި ދެރަށަށްވެސް އުދަ އަރައި އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ. އަދި ކޯޒްވޭގެ ކަލްވާޓްތައް ބެދި އޮއިވަރު ބްލޮކްވުމުގެ ސަބަބުން މޫސުން ގޯސްވެ އުދައަރާ އިރު، މި ދެ ރަށަށްވެސް އުދައިގެ މައްސަލަ ދިމާވެއެވެ. މި މައްސަލަ ބޮޑުވެ މަޑަވެއްޔާއި ހޯޑެއްދޫއާ ދެމެދު މިހާރު ހަދާފައިވާ ކޯޒްވޭ ނެގުމަށްފަހު، އެ ދެމެދު ދެ ބުރިޖް ގާއިމު ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން، 223 މީޓަރުގެ ބްރިޖަކުން މަޑަވެއްޔާއި ހާދޫ ގުޅުވައިލުމުގެ އިތުރުން، 160 މީޓަރުގެ ބްރިޖަކުން ހާދޫ އާއި ހޯޑެއްދޫ ގުޅުވައިލުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫގެ މައިގަނޑު އަމާޒަކީ މިހާރު ހަދާފައިވާ ކޯޒްވޭގެ ކަލްވާޓްތައް ބެދި އޮއިވަރު ބްލޮކްވުމުގެ ސަބަބުން ދެރަށަށް ދިމާވެފައިވާ ރަށްގިރުމާއި އުދައެރުމުގެ މައްސަލަ ހައްލުކުރުން ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވެއެވެ. މި ދެ ރަށުގެ ދެމެދުގައި އަޅާ ބްރިޖްތައް ޑިޒައިން ކުރުމަށް ހަމަޖެހިފައި ވަނީ ކޮލަމްތަކަށް ސަޕޯޓްކޮށް، ބްރިޖްގެ ދަށުން އޮއި ދެމޭ ގޮތަށް ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.